ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށްޓަކައި މިއަދަށް ތާވަލުކުރި ޖަލްސާ ފެށުމަށް ފަހު ނިންމާލާފައި ވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސެއިން ޝަހީމް ވިދާޅުވީ އެމްޑީޕީއަކީ މެޖޯރިޓީ ޕާލިމެންޓްރީ ގުރޫޕް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުން ގެންދަނީ ގަވާއިދާ ހިލާފަށް ކަން ފާހަގަކުރައްވައި އޭނާ ވަނީ ރިޔާސަތުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުން ދާއިރު، އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތަށް އަލި އަޅުވާލައްވަމުން ހުސެއިން ޝަހީމް ވިދާޅުވީ މިއަދު ޖަލްސާ ބާއްވަން ނިންމާ، މެންބަރުންނަށް ޖަލްސާއެއް އޮންނަކަން އެންގީ ވެސް ޖަލްސާއަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށެވެ. މުޅި ރާއްޖެ ތަމްސީލުކުރާ މެންބަރުންނަށް ޖަލްސާއަށް އާދެވޭ ވަރަށް ވަގުތު އޮއްވާ އަންގަން ޖެހޭކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ޖަލްސާގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް މެންބަރުންނަށް އެންގުމަކީ މަޖިލީހުގެ އިދާރާއިން ކުރި ވަރަށް ދެރަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހުސެއިން ޝަހީމް ވަނީ ރިޔާސަތުން އަމަލުކުރަމުން ގެންދާ ގޮތް ބަލާ މަޖިލީހުން އެކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައެވެ.

މިއަދުގެ ޖަލްސާއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެންގިކަމަށް ވިދާޅުވެ އެމްޑީޕީގެ މަޖިލިސް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ގޮތުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާ އަށް މެންބަރުންނަށް ދައުވަތު ދިނީ އިއްޔެ ހަވީރު ކަމަށާއި، މަޖިލިސް ޗުއްޓީގައި އޮތުމުން ބައެއް މެންބަރުން ތިއްބެވީ ރަށުން ބޭރުގައި ކަމަށެވެ.