މި ސަރުކާރާއި ރައީސް ސޯލިހަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްވެސް ރައްދެއް ނުދެއްވުމަކީ އެމަނިކުފާނުގެ ކެތްތެރިކަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން ކަން ކުރެއްވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެ ޕާޓީގެ ރައީސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މި ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ އެކަމާ މާލޭގެ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. ރައީސް ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ނަޝީދު އިއްޔެ ރޭ ވިދާޅުވެފައި ވާތީ އޭގެ ރައްދުގައި މާރިޔާ ވިދާޅުވީ، ރިއެކްޓް ކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށާއި އެއީ "ޕްރޯ އެކްޓް" ކުރާ ޕާޓީއެއް ކަމަށެވެ.
ރައީސް ސޯލިހު ނޫން އެހެން ބޭފުޅެއް ނަމަ އެ ވިދާޅުވާ ފާޑާއި އެ ހުރިހާ އެއްޗެއްގެ ތެރޭގައި ކެތްތެރިކަން ގެއްލިގެން ދާނެ ކަމަށާއި އަނެއްކާވެސް ރައީސް ނަޝީދު ޖަލަށް ލައްވާނެ ކަމީ ޝައްކެއް ނެތް ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ރިއެކްޓް ކުރެއްވި ގޮތް ހާމަ ކުރައްވަމުން މާރިޔާ ވިދާޅުވީ، ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ކެބިނެޓް އިސްތިއުފާ ދޭން ޖެހުނު ކަމަށާއި ނަމަވެސް ރައީސް ސޯލިހްގެ ކެތްތެރިކަމުގެ ސަބަބުން އެކި ފިކުރުގެ ޕާޓީތަކާ ގުޅިގެން ވެރިކަން ކުރެއްވަމުން ގެންދަވާ ކަމަށެވެ. އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ހަތަރު އަހަރު ވަންދެން ކޯލިޝަން ދެމެހެއްޓުމަކީ ރައީސް ސޯލިހުގެ ގާބިލުކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ރިއެކްޓް ނުކުރައްވާ ކަމަށް ހީވިޔަސް، އެ މަނިކުފާނު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި މުޅި ކެބިނެޓް އިސްތިއުފާ ދިން ފަދަ ގޮތަކަށް މި ސަރުކާރުން "ރިއެކްޓް" ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ބޭނުންފުޅު ވަނީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުން ކަމަށާއި ޕްރައިމަރީ ކާމިޔާބު ނުކުރެއްވޭނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ. އަދި ޕްރައިމަރީ ކާމިޔާބު ނުވެއްޖެ ނަމަ، ޒާތީ ހަސަދައިގައި އެމްޑީޕީއަށް ވެރިކަން ގެއްލުވާލަން ނަޝީދު ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްގީތައް ނަޝީދާއި އެ މަނިކުފާނުގެ ޓީމަށް ވެސް ފެންނާނެ ކަމަށާއި އަދި އެންމެ ހަލުވިކޮށް ތަރައްގީތައް ގެންނަނީ މި ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ނަޝީދުގެ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމުގެ ގޮތުން އިއްޔެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއް ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، ކަންކަން ހައްލުކުރެއްވުމަށް ރައީސް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެތައް މައްސަލައެއް ހުރި ނަމަވެސް، ރައީސް އެއްވެސް ވަރަކަށް "ރިއެކްޓް" ނުކުރައްވާ ކަމެވެ. އެގޮތުން ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް ކަމަށާއި އެއް ދަންފަޅީގެ މަދަރުސާ އަކަށް ވެސް ރިއެކްޝަން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.