އެމްޑީޕީގެ ޕާލިމެންޓްރީ އިންތިހާބަށް ކުރަމުން އަންނަ ކެމްޕެއިނުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފް (ޕީޖީ)ގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ އާއިލާއާއެކު ފޮޓޯ ނަންގަވައި ސިޔާސީ ބޭނުމެއްގައި އެ ފޮޓޯ ބޭނުން ކުރެއްވުމުން އަނދުން ހުސެއިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އަނދުން ހުސެއިން ވިދާޅުވީ، އޭނާގެ އާއިލާގެ އެއްވެސް މެންބަރަކު އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ނުކުރާ ކަމަށާއި އެ އާއިލާ ތާއީދު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. އެ އާއިލާގެ ކުޑަކުދިންނާއެކު ހަވީރު ސައި ބޯން ތިއްބާ އެތަނަށް ރައީސް ނަޝީދު ވަޑައިގެން އާއިލާއާއެކު ފޮޓޯއެއް ނެންގެވި ކަމަށާއި އަދި އެ ފޮޓޯ ސިޔާސީ ބޭނުމަކަށް ބޭނުން ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް މައާފަށް އެދިވަޑައިގަތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝިދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރަކު ވަނީ އެ ފޮޓޯ ޓްވީޓާގައި އާންމު ކޮށްފައެވެ. އެ ފޮޓޯ އާންމު ކުރި އިރު ވަނީ "ހ. އަނދުންގެ ހިތާ ހިތުގެ ގުޅުން" "މި ލޯތްބެއް މި ގުޅުމެއް ނުކެނޑޭނެ" މިހެން ޖަހާފައެވެ.
މީގެ އިތުރުން އަނދުން ހުސެއިން ވަނީ ރައީސް ސޯލިހް އެ އާއިލާއާ ބައްދަލު ކުރެއްވުމަށް އެގެއަށް ޒިޔާރަތް ކުރެއްވި ފޮޓޯތައް އާންމު ކުރައްވާފައެވެ. އެ ފޮޓޯތައް އާންމު ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދަށް އެމްޑީޕީ މެންބަރުންގެ އިތުބާރު ގެއްލެނީ ކަންކަން އޮޅުވާލާތީ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ފޯރިއާއެކު ރާއްޖޭގެ އެކި ކަންކޮޅުގައި މި ދުވަސްކޮޅު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.
އެ ދެ ބޭފުޅުންގެ ފަރާތުން ކެމެޕެން ޓީމުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ ސިޔާސީ ބޭފުޅުންގެ ވާހަކަތައް އަންނަނީ ވަރަށް ފޯރީގައި ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އަދި އެ ދެ ބޭފުޅުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ދީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ތަމްސީލު ކުރުމުގެ ފުރުސަތު ހޯދުމަށް ތަފާތު ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވަމުންނެވެ.