ރައްޔިތުންގެ މަޖިލީހުގައި މައްސަލަތަކުގައި ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާވެ ވަޑައިނުގަންނަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ވޯޓެއް ނަގާފައެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ އެ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.

އީވާ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ އެއް ސިފަ ކަމަށާއި ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާ އެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށެވެ. އަދި މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާއި މަޖިލީހުގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސް އަށް ޖާގަ ބަންދުކުރުމެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕާޓީގެ އެތެރޭގައާއި މަޖިލީހުގައާއި ކޮމިޓީއާއި ކޮންމެ ބަހުސެއްގައި ވިޔަސް އެކަން ހިނގަން ޖެހޭނެ ގޮތަކީ އެއީ ކަމަށް އީވާ ވިދާޅުވިއެވެ.

އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބުކުރީ ބަހުސްކުރަން.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މަޖިލީހުގެ 74 މެންބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.

ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމުގައި ވީ ނަމަވެސް އެދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ގޮތެއް ނުނިންމާ ވަނީ އެ ހުށަހެޅުމާ ގުޅިގެން ވަކިން ބައްދަލުވުމެއް ބާއްވައި ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ބާއްވާފައެވެ.

ޕީޖީ ޝަމީމާ މެދު ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފު ނުވިޔަސް ދާދިފަހުން ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލްވި ވާހަކަތައް ވެސް ވަނީ ފެތުރިފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.