2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ކެބިނެޓްގައި އެމަނިކުފާނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު އެމަނިކުފާނަކީ ކެތްތެރި، ހުޅުވާލެވިފައިވާ ވިސްނުންފުޅެއްގައި އަޑުއައްސަވާ ބޭފުޅެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެންޑިޑެސީއަށް ފުރިހަމައަށް ތާއީދުކޮށް އެމަނިކުފާނާ އެކު ކުރިއަށް ދިއުމަށް އަޅުގަނޑު ނިންމައިފިން
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ

މީގެ އިތުރުން ރައީސް ސޯލިހަކީ ވަރުގަދަ ލީޑަރެއް ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މާރިޔާއަކީ 2023ގެ ރައީސް ކަމަށް ރައީސް ސޯލިހަށް ތާއީދުއޮތް ކަން ފާޅުގައި އެންޑޯޒް ކުރެއްވި ފުރަތަމަ މިނިސްޓަރެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި ކޯލިޝަނަކާއެކު ނިކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.