ޔޫކްރައިންގެ މައި ސިޓީއެއް ކަމަށްވާ ސެވެރޮޑޮނެޓްސްކްއަށް ދެވެން އޮންނަ ހުރިހާ މަގެއް ސުންނާފަތިވެ، އެ ގައުމުގެ މައި ސަރުކާރުގެ ބާރު ހިނގާ ސަރަހައްދާ އެ ސިޓީ މުޅިން ވަކިވެފައިވާ ކަމަށް ލޯކަލް ގަވަރުނަރު ސެރްހީ ހައިދައި އިއުލާން ކުރައްވައިފިއެވެ.

ހުރިހާ ގޮތަކުން ސިޓީއާ ގުޅުން ކެނޑިފައި ވާ އިރު، ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނާށް ބޭނުންވާ ސަޕްލައި ފޯރުކޮށްދިނުމާއި، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމަށްވެސް މިހާރު ކުރެވޭނެ ކަމެއް ނެތް ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސެވެރޮޑޮނެޓްސްކްއަކީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި މި ފަހަކަށް އައިސް އެންމެ ގަދައަށް ކުރިމަތިލުންތައް ހިންގަމުން ދިޔަ ސަރަހައްދެވެ. ފާއިތުވީ ހަފުތާތަކަށް ބަލާއިރު ސެވެރޮޑޮނެޓްސްކް ހިފުމަކީ ރަޝިއާ އަސްކަރިއްޔާގެ މައިގަނޑު އަމާޒު ކަމުގައި އޮތީ ވެފައެވެ.

ސެވެރޮޑޮނެޓްސްކްއާއި އެ ސިޓީއާ ކައިރީގައި އޮންނަ ލިސީޗަންސްކް ހިފުމާއެކު، ލުހާންސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް، ރަޝިއާ ސަރުކާރަށް ލިބޭނެއެވެ. އެ ރަޝިއާގެ ތާއީދާއެކު ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންގެ އަގުލަބިއްޔަތު އޮންނަ ސަރަހައްދެކެވެ.

ޓެލެގްރާމް ޕޯސްޓެއްގައި ގަވަރުނަރު ހައިދައި ވިދާޅުވީ ސެވެރޮޑޮނެޓްސްކްއަށް ދެވެން އޮންނަ 3 ފާލަންވެސް ސުންނާފަތިކޮށް، ހަލާކު ކޮށްލާފައި ވާ ކަމަށެވެ. އަދި ސެވެރޮޑޮނެޓްސްކްގައި ތިބި ރައްޔިތުންނަށް މިހާރު ދިރިއުޅެން މަޖުބޫރުވެފައި ވަނީ އިންތިހާ ދަތި ހާލުގައި ކަމަށްވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ސެވެރޮޑޮނެޓްސްކްގައި ކުރިއަށްދިޔަ ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވަމުން، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ، ކުރިމަތިލުންތަކުގެ އިންސާނީ އަގަކީ ފިތްކަނޑައިގެންދާ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި ކޮންމެ މީޓަރަކުން ކުރިމަތިލުންތައް ހިނގަމުންދާ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސެވެރޮޑޮނެޓްސްކް ސިޓީގެ 70 ޕަސެންޓް ކޮންޓްރޯލް އޮތީ ރަޝިއާގެ ދަށުގައެވެ.

ސެވެރޮޑޮނެޓްސްކްގައި ތިބި ޔޫކްރައިންގެ އަސްކަރީ ފައުޖަށް އޮތީ 2 ގޮތެއް ކަމަށާ، އެއީ އަމާންދީ، ރަޝިއާއާ އަމިއްލައަށް ހަވާލުވުން ނުވަތަ މަރުވުން ކަމަށް، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެ، ރަޝިއާގެ ތާއީދާއެކު އަމިއްލަ ދައުލަތެއް އުފައްދާފައި ވާ ޑޮނެޓްކްސް ޕީޕަލްސް ރިޕަބްލިކްގެ އަސްކަރީ މަންދޫބު ވަނީ ބުނެފައެވެ.

ރަޝިއާގެ އިސް އޮފިޝަލަކު ވިދާޅުވީ، ރަޝިއާ ސަރުކާރުގެ މައިގަނޑު އަމާޒަކީ ޑޮނެޓްކްސްއާއި ލުހާންސްކްގެ ރައްޔިތުން ހިމާޔަތް ކުރުން ކަމަށެވެ.

ކަން މިހެން އޮތް އިރު ޔޫކްރައިނުން ވަނީ ހުޅަނގުން އެ ގައުމަށް ފޯރުކޮށްދެމުންދާ ހަތިޔާރުތައް އެކަށީގެންވާ ހަލުވި މިނެއްގައި "އަތަށް އަރަމުން ނުދާކަމަށް" ބުނެފައެވެ.