ޔޫސަބަލް ރިޒާވްގެ ގޮތުގައި 316 މިލިއަން ޑޮލަރު އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން، މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއް ކަން، އެމްއެމްއޭ އިން އާންމުކޮށްފައި ޑޭޓާތަކުން ފެންނަން އެބަހުރި ކަމަށެވެ.

ޑޭޓާ އެ އޮތީ އަވައިލެބަލްކޮށް. އަޅުގަނޑު ބަލާލިން ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއްތޯ. 300 އެއްހާ މިލިއަން ޑޮލަރު ޔޫސަބަލް ރިޒާވުގައި އެބަހުރި. ކޮންމެ ބޭފުޅަކަށް ވެސް އަމިއްލަ އަށް ކަލްކިއުލޭޓް ކޮށްލެވޭނެ އިނގޭތޯ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޖުމްލަ ދަރަނި 98 ބިލިއަން ރުފިޔާއަށް އަރާފައި ވާ ކަމަށާއި އެއީ ޖީޑީޕީއާ އަޅާބަލާއިރު 113 ޕަސަންޓު ކަމަށެވެ. އަދި އެ ދަރަނި ބޮޑުވީ 2020 އަދި 2021 ގައި ގައުމީ އުފެއްދުންތެރިކަން ދަށަށް ދިނުމުންނާއި ސަރުކާރުގެ ރެވެނިއު ދަށަށް ގޮސް ޑެފިސިޓް ބޮޑުވަމުން ދިއުމުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީމ ދަރަނި ޕަސެންޓުތައް 2020 ވަނަ އަހަރު ނިމުނުއިރު ހުރީ 150 ޕަސަންޓުގައި ކަމަށާއި 2021 ވަނަ އަހަރު ނިމުނު އިރު ހުރީ 123 ޕަސަންޓުގައި ކަމަށެވެ، އަދި މިއަހަރު މިހާތަނަށް އައިއިރު ހުރީ 113 ޕަސަންޓަށް ދަށްވެފައި ވުމުގެ މާނައަކީ ދަރަނި މެނޭޖް ކުރެވުން ކަމަށާއި އަދަދުތައް ތިރިއަށް ދާން ފަށާފައި ހުރުމުން އެގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ބޭރުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ނަގާފައި ހުރި އެކި އެކި ލޯނުތަކަށް ބަލާއިރު ދައްކަން އޮތް ޞޭރުގެ ދަރަނީގެ އަދަދަކީ 94.35 މިލިއަން ޑޮލަރެވެ. އެއީ މަހުން މަހަށް ޖުލައި އިން ފެށިގެން މިއަހަރުގެ ނިޔަލަށް ދައްކަން ހުންނާނެ ވަރު ކަމަށް ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ މިއަހަރުގެ ޖޫން މަހު ބޮޑު ދަރަންޏެއް ދައްކާފައިވެސް ވާ ކަމަށެވެ. އެއީ 62.58 މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ނެޓް ރީޒާވް މިވަގުތު ހުރީ 316 މިލިއަން ޑޮލަރުގައި ކަމަށާއި އަދި އަހަރު ނިމޭއިރު އަންދާޒާ ކުރަނީ 214 މިލިއަނަށް ދަށްވާނެ ކަމަށެވެ. އޭނާ އިތުރު ތަފްސީލު ނުދެއްވާ ވިދާޅުވީ، ދަރަނި ދެއްކުމުގައި މިވަގުތަށް ކަންބޮޑުވުމެއް ނެތަސް އަހަރުން އަހަރަށް ދަރަނި އިތުރު ވަމުން ދިޔުމާއި މެދު ރާސްތާ އާއި ދިގު ރާސްތާގައި ދަރަނި އަދާކުރަން ގެންގުޅޭ ސިޔާސަތުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްއޭގެ އިތުރުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރު ރާއްޖެއިން ބޮޑު އަދަދެއްގެ ދަރަންޏެއް ދައްކަން އޮތް ނަމަވެސް އެ ހާލަތު އަންނަން ވާއިރަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު "ދަ ޕްރެސް" އިން ޔޫސަބަލް ރިސާގައި ހުރި އަދަދު ސާފު ކުރަން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޔޫސަބަލް ރިޒާވަކީ މިހާރު އާންމުކުރާ މައުލޫމާތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.