ރައްޔިތުންގެ މަޖިލީހަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ނިންމުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ވޯޓެއް ނަގާފައެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ އެ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

މި ހުށަހެޅުން ފާސްވި ނަމަވެސް އެމްޑީޕީގެ މި ނިންމުމާ ދެކޮޅަށް ނިކުންނަވާ ނަޝީދު ވަނީ މި މައްސަލާގައި އެމްޑީޕީން ނެރޭ ތްރީލައިން ވިޕް ބްރޭކް ކުރައްވާނެ ކަމަށް ނުސީދާކޮށް ވިދާޅުވެފައެވެ. ނަޝީދުގެ ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ޕާލިމެންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށެވެ. ނަޝީދުގެ އެ މެސެޖަށް އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފައެވެ. އެންމެ ފުރަތަމަ ނަން ނޯޓް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީީދެވެ.

ނަން ނޯޓް ކުރެއްވި މެންބަރުން:

  1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  2. ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
  3. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  4. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
  5. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
  6. ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
  7. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  8. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް
  9. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
  10. މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  11. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
  12. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް
  13. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  14. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
  15. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް
  16. ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރު
  17. މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މަޖިލީހުގެ 74 މެންބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.

ޝަމީމްގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޖީއަށް ހުށަހެޅީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމުގައި ވީ ނަމަވެސް އެދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ގޮތެއް ނުނިންމާ ވަނީ އެ ހުށަހެޅުމާ ގުޅިގެން ވަކިން ބައްދަލުވުމެއް ބާއްވައި ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހުް ގޮތެއް ނިންމުމަށެވެ. ޕީޖީ ޝަމީމާ މެދު ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފު ނުވިޔަސް ދާދިފަހުން ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލްވި ވާހަކަތައް ވެސް ވަނީ ފެތުރިފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ ގިނަބަޔަކު އަންނަނަނީ ނުރުހުން ފާޅުކުރަމުންނެވެ.