ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު ކަމުންނާއި މެންބަރު ކަމުން، މިހާރު ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުންދާ އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

ޖާބިރު އިސްތިއުފާ ދެއްވިއިރު ޑީއާރްޕީ އުވާލަން މިދިޔަ މަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެޕާޓީ އުވާލަން އެ ކޮމިޝަނުން ނިންމީ، ޤާނޫނުގައި ބަޔާންކުރާ އަދަދަށް ޕާޓީގައި މެންބަރުން ހަމަނުވުމުންނެވެ. ސިޔާސީ ގާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގުމަށްޓަކައި މަދުވެގެން 3000 މެންބަރުން ހަމަވާންޖެހެއެވެ.

އަދި މި އަދަދު ހަމަކުރަން 3 މަހުގެ މުހުލަތެއް ދެވުނު ނަމަވެސް މި މުހުލަތުގެ ތެރޭގައި ޕާޓީއަށް މެންބަރުން ހަމަވެފައި ނުވެއެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަންފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި، ޖާބިރު ޑީއާރުޕީގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ވާއިރު ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމަކަށްވީ ނަމަވެސް އެޕާޓީން ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ބަޔާންކޮށްފައެއް ނުވާކަމަށް ހަބީބް ވިދާޅުވިއެވެ.

ޑީއާރުޕީގެ ދަރަނީގެ ގޮތުގައި އަދާކުރުމަށް އެމްޓީސީސީގެ އިތުރުން ހަބް ކުންފުންޏާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް ފައިސާ ދިނުމަށް ޑީއާރުޕީގެ މައްޗަށް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައި ވެއެވެ.

ޖުލައި 21، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީ، މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވެފައި ވެއެވެ. އެއަށްފަހު ލީޑާޝިޕްއާ ހަވާލުވީ އަހްމަދު ތަސްމީން އަލީއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތަސްމީން ވެސް ވަނީ ޑީއާރްޕީން ވަކިވެޑައިގެންފައެވެ. މީގެ އިތުރުން މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އެ ޕާޓީގެ ލީޑާޝިޕާ ހަވާލުވެވަޑައިގެންފައެވެ.

ޖާބިރު ޑީއާރްޕީގެ ލީޑާޝިޕް އާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އަދި ޕާޓީ އުވާލައިފިނަމަ އިތުރު ސިޔާސީ ޕާޓީއެއް އަފައްދަވާނޭ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.