ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީން ބުނީ، ޑީއާރްޕީގައި ގާނޫނީ އަދަދަށް ބޭނުންވާ 3،000 މެންބަރުން ހަމަނުވާތީ، އެޕާޓީ އުވާލަން އީސީގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ.

3،000 މެންބަރުން ހަމަނުވާތީ ޑީއާރުޕީއަށް މިިދިޔަ ޖުލައި 25ގައި ތިން މަސްދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށް އީސީން ބުނެއެވެ. ނަމަވެސް، އެ ޕާޓީއަށް އެ އަދަދަށް މެންބަރުން ހަމަކުރެވިފައި ނުވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ، ޑީއާރުޕީ އުވާލުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.

ކުރީގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޑީއާރުޕީއަކީ އެމްޑީޕީއަށް ފަހު ރާއްޖޭގައި ދެވަނަ އަށް އުފެދުނު ސިޔާސީ ޕާޓީ، އަދި ދެވަނައަށް އެންމެ ނުފޫޒު ގަދަ އެއް ޕާޓީއެވެ. ނަމަވެސް، ކުރީގެ މައުމޫން އެ ޕާޓީން ވަކިވެވަޑައިގަނެ، ޕީޕީއެމް އޭރު އުފެއްދެވި ފަހުން، ޑީއާރުޕީގައި ތިބި މެންބަރުން ވަނީ މަދުވާން ފަށައިފައެވެ.

2005 ވަނަ އަހަރު އުފެދުނު އެ ޕާޓީގައި އޭރު މައުމޫންގެ އިތުރުން، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ފަދަ ބޭފުޅުން ތިއްބެވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް އޭރު ޑީއާރުޕީގެ މެންބަރެކެވެ.

އެ ޕާޓީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.