ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 460 މީހަކު އެމްޑީޕީ އިން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިސީ އިން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަަލަށް 57،660 މީހުން އެ ޕާޓީގައި ރަޖިސްޓްރީގައި އެބަ ތިއްބެވެ.

އެމްޑީޕީގައި އެންމެ ގިނަ މެންބަރުން ތިބިއިރު 2 ވަނައަށް މެންބަރުން އެންމެ ގިނައިން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. އެއީ ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް ސޮއި ކުރި 6،372 މީހުން ހިމެނޭ ގޮތަށް ޖުމްލަ 38،704 މެންބަރުންނެވެ. އަދި ތިންވަނައަށް މެންބަރުން އެންމެ ގިނަކަން ފާހަގަ ކުރެވެނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އެ ޕާޓީގައި މިދިޔަ އަންގާރަ ދުވަހާ ހަމައަށް 22،607 މެންބަރުން އެބަ ތިއްބެވެ.

ޕާޓީއެއްގައި 3 ހާސް މެންބަރުން ހަމަވާންޖެހޭއިރު އެ އަދަދު ހަމަނުވާ 3 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އެވެ.

މީގެ ކުރިން ވެސް 3 ހާސް މެންބަރުން ހަމަ ނުވުމާ ގުޅިގެން އީސީއިން އެ ޕާޓީ އުވާލަން ނިންމުމުން، އެމްއާރްއެމްގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ.

3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.