މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސާޓިފިކޭޝަން (އެންޓީޓީސީ) އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އާ ގުޅޭ ސިލްސިލާ ސެމިނާތަކުގެ ތެރެއިން ފުރަތަމަ ސެމިނާ ކުރިއަށް ގެންގޮސްފައެވެ.

މި ސެމިނާގެ މަގްސަދަކީ އެންޓީޓީސީ އަދި ނެޕް ހިންގާގޮތުގެ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމާއި، އަދި މި ޕްރޮގްރާމްތަކަށް އިތުރަށް މީހުން ހޭލުންތެރި ކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސެމިނާ ޝަރަފްވެރިކޮށްދެއްވާ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވާހަކަ ދައްވަމުން ވިދާޅުވީ ނޭޝަނަލް ޓްރޭޑް ޓެސްޓިންގްގެ މަގްސަދަކީ ރަސްމީ ތަމްރީނަކާ ނުލައި ފަންނީ ހުނަރު ލިބިފައިވާ ހުނަރުވެރިންނަށް ގައުމީ ފެންވަރުގެ ސަނަދެއް ދިނުން ކަމަށެވެ.

މީގެ އިތުރުން އެމްއެންއެސްޑީއޭ އިން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަސްމީ ތަމްރީނެއް ހަދާ ހުނަރެއް ލިބިގަނެ ގައުމީ ފެންވަރުގައި ސަނަދެއް ލިބޭނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން / ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަމައެއާއެކު، ރާއްޖޭގައި ޓިވެޓް ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަމަށް އަލި އަޅުވައިލައްވާ ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަކީ މިނިސްޓްރީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެއްކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސެމިނާގައި މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އެމްއެންއެސްޑީއޭގައި ރަޖިސްޓްރީވެފައިވާ އެސެސަރުންނާއި ޓްރެއިނިންގް ޕްރޮވައިޑަރުންގެ އިތުރުން ޓެކްނިކަލް ޕެނަލް މެމްބަރުން، ސެކްޓާ ކައުންސިލް ތަކުގެ މެންބަރުންނާއި ޓިވެޓް ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.