ކުއްލިގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގަތުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް އެ ޕާޓީގެ ރައީސް، ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށާއި ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުމެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އދ. މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން ގާސިމް ވަނީ ރައީސަށް ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުފައެވެ. ރައީސް މާމިގިއްޔަށް ވަޑައިގަން އިރު އޭގެ ކުރީ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 2023 ގެ ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ އިއުލާން ކުރެއްވުމުން، ގާސިމްގެ ފަރާތުން ވަނީ އޭނާވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އެ ދަތުރުގައި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވެސް ރައީސްގެ ޓީމުގައި ހިމެނިވަޑައިގަންނަވައެވެ.
މިދިޔަ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އިންތިހާބު ކާމިޔާކު ކުރަން ބޭނުން ނަމަ އެމަނިކުފާނަކީ 2023ގެ ޗޮއިސް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މާމިގިއްޔަށް ވަޑައިގަތުމާއެކު ރައީސް ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމަށް، ހުށައަޅުއްވާފައިވާ ކަމުގެ އަޑުތައް ގަދަވި ނަމަވެސް ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވަނީ އެކަން ދޮގުކުރައްވާފައެވެ.