އިދިކޮޅު ޕީޕީއެމްގެ މެންބަރުން އެހެން ޕާޓީތަކަށް ވަގަށް ބަދަލުކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާއިރު، އެ މައްސަލަ އެހެން މިސްރާބަކަށް އެ ކޮމިޝަނުން ބަދަލުކުރަން މަސައްކަތްކުރާ ކަމަށް، އެ ޕާޓީން ތުހުމަތު ކޮށްފިއެވެ.

ޕީޕީއެމުން އީސީއަށް ތުހުމަތުކޮށް ބަޔާނެއް ނެރެފައި ވަނީ، ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ބަދަލުކުރާ މައްސަލައިގައި ރޭ އެ ކޮމިޝަނުން ހިއްސާކުރި ތަފާސްހިސާބުތަކާ ގުޅިގެންނެވެ.

އެ ބަޔާނުގައި ޕީޕީއެމުން ބުނީ، މިދިޔަ އޮކްޓޯބަރުން ފެށިގެން އެ ޕާޓީގެ 5،000 އަށް ވުރެ ގިނަ މެންބަރުން އެހެން ޕާޓީތަކަށް ވަގަށް ބަދަލުކުރި މައްސަލަ އީސީ އާއި އާންމުންގެ ސަމާލުކަމަށް އެ ކޯލިޝަންގެ ފަރާތުން ގެނެސް، އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އެ ކޮމިޝަނުން ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަން އެގޮތަށް އީސީން ކުރަނީ ސަރުކާރުން އަންގައިގެން ކަމަށް އިދިކޮޅުން ބުނެއެވެ.

އެއާއެކު، އިދިކޮޅުން ވަނީ 2018 އިން ފެށިގެން މިއަދާ ހަމައަށް 391 ވަގު ފޯމް އީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނަމުން ދަނީ ކިހާ ވަރަކަށް ބަލާފަތޯ ސުވާލުކޮށްފައެވެ. އޭގެ އިތުރުން، އިދިކޮޅުން ކުރިމަތިކުރި ސުވާލުތަކަކީ:

  • އީސީން އާންމުކުރި ތަފާސްހިސާބުތަކަކީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކެއްތޯ؟
  • އެއީ 2018 އިން 2022 އަށް ހުށަހަޅާފައިވާ ފޯމުތަކުން ނަގާފައިވާ އަދަދުތަކެއްތޯ؟
  • އެ އަދަދު ހާމަކޮށްފައި އެވަނީ ޖިނާއީ ތަހްގީގެއް ހިންގައި ފިނގާޕްރިންޓް ކަށަވަރު ކުރުމަށް ފަހުތޯ؟

އެ ސުވާލުތަކަށް ޖަވާބު ދީ މައުލޫމާތުތައް ހާމަ ކޮށްދިނުމަށާއި، ވަގު ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުނާއިރު، ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ހިއްސާ ކުރުމަށް ވެސް އިދިކޮޅުން ވަނީ އީސީ އަށް ގޮވާލައިފައެވެ.

"ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް އެކަން ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީއާ މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް މި ކޯލިޝަނުން ގަބޫލުކުރަން."

އަދި އެކަން އެގޮތަށް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު "ވަގަށް ނެގުމަށް" ސަރުކާރާއި، އަދި ގުޅުން ހުރި ފަރާތްތައް ރުއްސުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ސޮއިކުރުވި މައްސަލައިގެ ޖިނާއީ ތަހްގީގެއް ހިންގައި، އިތުރު ފޯމެއް ފުރުމެއް ނެތި، އެ މެންބަރުން އެ ޕާޓީގެ ދަފްތަރުގައި އަލުން ހިމަނައިދިނުމަށް އެދޭ އެދުން ތަކުރާރު ކޮށްފައެވެ.

އީސީން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 އިން ފެށިގެން މިއަދާ ހަމައަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައި ވަނީ ޕީޕީއެމުންނެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައި ވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކަމަށް ވާއިރު، ތިންވަނަ އަށް އެންމެ ގިނައިން ވަގު ފޯމް ހުށަހަޅާފައިވަނީ ލޭބާ ޕާޓީންނެވެ.