ކުރިން ލަފާކުރި މިންވަރަށް ވުރެ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 3.4 ޕަސެންޓު ދަށްވާނެ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.
ކޮންމެ މަހަކު އެއްފަހަރު ވޯލްޑް ބޭންކުން ޝާއިއުކުރާ "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް"ގެ މިމަހުގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސޯދު 11.2 ޕަސެންޓު މި އަހަރު ކުރި އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ނަމަވެސް، ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް އެކަށީގެންވާ ކަމަށް ބުނެ، ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 7.6 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފައެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ، ޔޫކްރައިންގައި ހިނގަމުންދާ ހަނގުރާމައިގެ ސީދާ އަސަރު ދެކުނު އޭޝިއާގެ ގައުމުތަކަށް ނުކުރާ ކަމަށެވެ. ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި، މާލީ ހާލަތު ގޯސްވުން ފަދަ ކަންތައްތައް ދިމާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ އިގްތިސޯދު މަޑު ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުނި ނަމަވެސް، ސަރުކާރުން ބުނަމުން ދަނީ ރާއްޖޭގެ އިގްތިސޯދު ކޮވިޑުގެ ހާލަތުގެ ކުރިން އޮތް ހާލަތަށް ރުޖޫއަ ވާނެ ކަމަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގެ އިގްތިސޯދު ފުޅާވަމުން އަންނާނެ ކަމަށް ވިދާޅުވެފައެވެ.