ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކަންކަން ތަރުތީބުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ސަރުކާރުން ދީފައިވާ ސޮވަރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑު އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ.
އެ ގަރާރުގައި ވަނީ މި އަހަރު ފާސްކުރި ބަޖެޓުގައި ޖުމްލަ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓު ކަމަށާއި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އުނދަގޫވާނެ ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީން ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވާއިރު އެ ހަރަދުތައް ދެކޮޅު ޖެއްސުމަށާއި ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަން ޖެހިފައިވާ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އިލްޔާސް މި ގަރާރު ހުށަހަޅާފައިވާއިރު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.