އެޗްޑީސީ އާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާ ހިމެނޭ ގޮތަށް ކުލި ދެއްކުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ކުލި ނުދައްކާކަން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ފޮނުވާ ލިޔުމުގައިވާ ގޮތުން، އެ ލިޔުމާ ހަވާލުވާތާ 30 ދުވަހުގެ ތެރޭ މަހު ކުލި ދައްކަން ޖެހެއެވެ. އެހެންނޫނީ ޖޫރިމަނާ އާ އެކު މަހުން މަހަށް ދައްކަން ޖެހޭ އަދަދު އިތުރުވާނެ ކަމަށް ވެސް ވެއެވެ.

"ފައިސާ ދައްކާ ދުވަހާ ހަމައަށް ދައްކަން ޖެހޭ ޖުމްލަ އަދަދު ބެލުމަށް މި ކޯޕަރޭޝަންގެ "މައި ހުޅުމާލެ" ވެބް ޕޯޓަލް މެދުވެރިކޮށް، ނުވަތަ މި ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުއްވައިގެން ސާފު ކުރެއްވުމަށް ފަހު ފައިސާ ދެއްކުމަށް ދަންނަވަމެވެ." އެ ލިޔުމުގައި ބުނެފައިވެއެވެ.

މީގެ އަހަރެއް ކުރިން ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އަދިވެސް ފައިސާ ނުދައްކާ ބައެއް މީހުން އެބަ ތިއްބެވެ. އެ މީހުންގެ މައިގަނޑު ޝަކުވާ އަކީ ސަރުކާރުން މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ އަގު ބޮޑުވުމެވެ. އެ މައްސަލައާ ގުޅިގެން ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600ރ އަށް ތިރިކުރުމަށް ގޮވާލައި ބައެއް ފަރާތްތަކުން އިހްތިޖާޖު ވެސް ކުރިއެވެ.

ހަތް މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު، ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. ނަމަވެސް އޭރުވެސް ބައެއް ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިމިފައި ނުވާތީ އެ ތަނުގައި ދިރިއުޅޭ ބައެއް މީހުން ވަނީ މަހު ކުލި ނެގުން ފަސްކޮށްދިނުމަށް އެދިފައެވެ.