ރަޝިއާއިން ދަނީ އެ ގައުމުން ވެރިވެގެންފައިވާ ޔޫކްރައިނުން ގޮވާމުގެ ބާވަތްތައް ބޭރު ކުރަމުން ކަމަށް، ރަޝިއާއިން ކޮންޓްރޯލް ނަގާފައިވާ ޔޫކްރައިންގެ ދެކުނުގެ ސަރަހައްދުތަކަށް ރަޝިއާއިން ކަނޑައަޅާފައިވާ އޮފިޝަލުން ބުނެފައި ވާ ކަމަށް ބީބީސީއިން ރިޕޯޓް ކޮށްފިއެވެ.

ސައްތަ އިންސައްތަ ކަށަވަރު ކުރެވެފައި ނުވާ މި ތުހުމަތު ފެންމަތިވެފައި މިވަނީ، ޔޫކްރައިންގެ ގޮވާމުން 600000 ޓަނުގެ ގޮވާން، ރަޝިއާއިން ވަގަށް ނަގާ، އެއިން ބައެއް އެކްސްޕޯޓް ކުރަމުން ދާ ކަމަށް ޔޫކްރައިންގެ އޮފިޝަލުން ތުހުމަތު ކުރައްވާފައި ވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ރަޝިއާއިން ވަނީ ގޮވާމުން ވައްކާ ކުރާ ވާހަކަ ދޮގު ކޮށްފައެވެ.

ޔޫކްރައިންގައި މިވަގުތު ހުރި ގޮވާމުގެ ސަޕްލައި ލިބޭނެ ގޮތް ހެދުމަކީ ބައިނަލްއަގުވާމީ މުޖުތަމައު އެކަމަކަށް އިންތިހާއަށް ބޭނުން ވެފައި ވާ ކަމެކެވެ. ކޮންމެ އަހަރަކުވެސް އެތައް ލިއަން ޓަނެއްގެ ގޮވާން، ޔޫކްރައިނުން އެފްރިކާއަށް އަދި މެދުއިރުމަތީގެ ސަރަހައްދަށް އެކްސްޕޯޓް ކުރެއެވެ.

ނަމަވެސް ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާއިން ޔޫކްރައިންގެ ބްލެކް ސީ ބަނދަރުތައް ބަންދުކޮށްފައި އޮތުމުން، ގޮވާން ޝިޕްމަންޓްތައް ބޭރު ކުރެވޭނެ ގޮތެއް ޔޫކްރައިންއަކަށް ނެތެވެ.

ރަޝިއާއިން މިހާރު ބުނަމުން ދަނީ ބްލެކް ސީ ސަރަހައްދު ބޭނުން ކުރަން އެދޭނަމަ، ޔޫކްރައިންއަށް އެންމެ ފުރަތަމަ ޖެހޭނީ އެ ސަރަހައްދުން މައިންތައް ސާފު ކުރަން ކަމަށެވެ.

އެމެރިކާއިން ތުހުމަތު ކުރަމުން ދަނީ، ރަޝިއާއިން ވަގަށް ނަގާފައިވާ ޔޫކްރައިންގެ ގޮދަން، ހަނަފަސްކަން ކުރމަތިވެފައިވާ އެފްރިކާއަށް ވިއްކާލަން ކަމަށެވެ.

ކަން މިހެން އޮތް އިރު، ރަޝިއާއިން ކޮންޓްރޯލް ނަގާފައިވާ ޔޫކްރައިންގެ ސަރަހައްދެއްގައި އިސްކޮށް ހުރި އޮފިޝަލު، ޔެވްގެނީ ބަލިޓްސްކީ ބުނާ ގޮތުގައި، ގޮވާން ބަރުކޮށްފައިވާ ރޭލުތައް، ކްރައިމިއާ ސަރަހައްދަށް ވަނީ މިސްރާ ޖަހާފައެވެ. ކްރައިމިއާއަކީ 2014 ވަނަ އަހަރު ޔޫކްރައިން އަތުން ރަޝިއާ "ފޭރިގަތް" ސަރަހައްދެކެވެ. ކްރައިމިއާ ސަރަހައްދުން، ގޮވާމުގެ ޝިޕްމަންޓް ދެން ދާނީ މެދުއިރުމައްޗަށެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން ޔެވްގެނީ ބަލިޓްސްކީ ބުނި ގޮތުގައި އެއްބަސްވުންތައް ހަދާފައިވަނީ ތުރުކީވިލާތާއެކުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކްރައިމިއާ ސަރަހައްދުން ވާހަކަދެއްކި ރަޝިއާ އޮފިޝަލަކު ބުނިގޮތުގައި 11 އުޅަނދެއްގައި އެ ސަރަހައްދަށް ގޮވާން ގެންގޮސްފައިވެއެވެ.

ޔޫކްރައިންގެ ގޮވާމުގެ ޝިޕްމަންޓްތަކަށް ރަޝިއާއިން ހުރަސް އަޅާ ކަމުގެ ތުހުމަތުތަކަށް ރަޝިއާއިން އިންކާރު ކުރެއެވެ. ގޮވާން އެކްސްޕޯޓް ކުރުމަށްޓަކާ ޔޫކްރައިނުން މައިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ރަޝިއާއިން ބުނާ އިރު، އެކަން އެހެން ކޮށްފި ނަމަ، އެ މަގު ބޭނުން ކޮށްގެން ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދޭނެ ކަމަށް، ޔޫކްރައިނުން ތުހުމަތު ކުރެއެވެ.

ޔޫކްރައިންގެ ގޮވާން އެކްސްޕޯޓް ކުރިއަށް ނުގެންދެވިއްޖެނަމަ އެކަމުގެ ސީދާ އަސަރު ފޯރަނީ ބައިނަލްއަގުވާމީ މުޖުތަމައަށެވެ. ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުންވެސް ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ގޮދަނަށް ބަލާއިރު ޔޫކްރައިންއާއި ރަޝިއާއިން ބޮޑު ހިއްސާއެއް އަދާ ކުރެއެވެ. ދުނިޔޭގެ ގޮދަނުގެ ސަޕްލައިގެ 3 ބައިކުޅަ 1 ބައި އެ 2 ގައުމުން ހިއްސާ ކުރާއިރު، ޔޫކްރައިން އެކަނި 10 ޕަސެންޓް ހިފަހައްޓާލައެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ޒުވާރި ސަޕްލައިގެ 16 ޕަސެންޓް އަދި ސަންފުލާވާ ތެލުގެ 42 ޕަސެންޓް ކޮންޓްރޯލް ކުރީ ޔޫކްރައިނުންނެވެ.