ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފެހިކުލައިގެ ސްޕްރޭ ބޭނުން ކޮށްގެން ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުންނެވެ.
ކެނެރީގެ ފާރުގައި އިންޑިއާ އައުޓް ޖަހާފައި މިވަނީ، ރައީސް ޔާމީން ދިއިރުޅުއްވާ ހ. ދޫވެހީގައި އެލުވާފައި އޮތް "އިންޑިއާ އައުޓް" ބެނާގެ މައްސަލަ ރައީސް ޔާމީނު ހައިކޯޓުން ކާމިޔާކު ކުރެއްވި ފަހުންނެވެ. ރައީސް ނަޝީދުގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހާފައިވާ އިރު، މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައި ވެސް ބަޔަކު ވަނީ "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައެވެ.
މީގެ އިތުރުން ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅާފައި ވާއިރު، ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށް ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ބަޔަކު ވަނީ އަޅާފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެތަކަށް ވަދެ ބެނާތައް ނަގައިފައެވެ.
ހަމައެއާއެކު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ނަގާފައި ވެއެވެ.
ނަމަވެސް، އިންޑިއާ އައުޓް ހަރަކާތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.