އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ދަރަނިތައް ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށާއި މިއަހަރު ނިމޭ އިރު ރިޒާވް ރަނގަޅު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެއީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަން ހާމަކުރައްވަމުން، އަމީރު ވިދާޅުވީ، މިހާރު އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކޮ ވިޑް ބަލިމަޑުކަން ފެތުރުމުގެ ކުރިން ހުރި މިންވަރުގައި ދެމެހެއްޓޭނެ ކަމަށެވެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށާއި ކުރިއާ އަޅާ ބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށް އަމީރު ވިދާޅުވިއެވެ. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން ކަމަށާއި ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަމީރު ވިދާޅުވީ، އެފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތް ދެއްކުމަށް ކުރާ ކަމެއް ކަމަށާއި ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމަށެވެ. އިގްތިސޯދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް ކަމަށް އަމީރު ސިފަ ކުރެއްވިއެވެ. ރާއްޖޭގެ އިގްތިސޯދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުން ކަން ފާހަގަ ކުރައްވަމުން އަމީރު ވިދާޅުވީ، މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިގްތިސާދުގެ ސައިޒަށް ރުޖޫއަވެވޭނެ ކަމަށެވެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްހީ އަދި އިގްތިސޯދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސޯދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ. މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށް ފާހަގަ ކުރެއްވިއެވެ. ސަރުކާރުން ދަނީ ހާލަތު މޮނިޓާކޮށް ފިޔަވަޅު އަޅަމުން ކަމަށާއި ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ހާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ ވަނީ އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ 175 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ ރަނގަޅު ވެފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފައި ކަމަށް އަމީރު ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސް ކުރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.