ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރުން އައްޔަނު ކުރާއިރު، ސިޔާސީ މެންބަރުން ނުހިމެނުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ތިންވަނަ ފަހަރަށް އެ އިސްލާހު ހުށަހަޅުއްވައިފިއެވެ.

ތޯރިގް އެންމެ ފުރަތަމަ އެ އިސްލާހު ހުށަހެޅުއްވިއިރު، މަޖިލީހުން އެ ބިލް ބަލައިނުގަނެ ބޭރުކޮށްލީއެވެ. ދެވަނަ ފަހަރަށް އޭނާ އެ އިސްލާހު ހުށަހެޅުއްވުމުން، މަޖިލީހުން ބޭރުކޮށްލާފައިވަނީ އެ އިސްލާހު ބަލައިގަތުމަށް ފަހު، އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންދިއުމަށްފަހު ގައެވެ.

އެ އިސްލާހު އަނެއްކާވެސް ހުށަހަޅުއްވައި ތޯރިގު ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުއްދަވަން ވާނެ ކަމަށެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލާފައިވާ އޮތުމުން، އެ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި ގޮތް ކިއުން ބޮޑުވެ، މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސް އެޅެއެވެ.

ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް

  • ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުން
  • ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
  • ބަންޑާރަނައިބު
  • މަޖިލީހުގެ ރައީސް
  • މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް
  • އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް
  • ރައީސް އައްޔަންކުރައްވާ މީހެއް

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ އަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމެވެ.