މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި އެ އިންތިހާބު އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީން ބުނީ، އެ ޕާޓީގެ އެތެރޭގެ އިންތިހާޞުގައި ޕާތީގެ ރައީސް އަދި 6 ދާއިރާއަކަށް ނައިބު ރައީސުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު އެމްއެންޕީގެ ވިިމެންސް ވިންގުގެ ލީޑަރު އަދި ޑެޕިޔުޓީ ލީޑަރުގެ އިންތިހާބާއި، ޔޫތް ވިންގުގެ ލީޑަރު އަދި ޑެޕިޔުޓީ ލީޑަރުގެ އިންތިހާބާއި ދާއިރާތަކުގެ ރައީސް އަދި ނައިބު ރައީސްގެ އިންތިހާބުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދާއިރާތަކަށް ބަލާއިރު 87 ދާއިރާގެ ރައީސްއާއި ނައިބު ރައީސް ހޮވުމަށް ވަނީ ނިންމާފައެވެ.

އެމްއެންޕީގެ އެތެރޭގެ އިންތިހާބުތަކަށް ހުޅުވާލާފައިވާ މަގާމަތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް، ހުށައަޅަންޖެހޭ ލިޔެކިޔުންތަކާ އެކު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން ބުނެއެވެ. ނުވަތަ އެމްއެންޕީގެ އީމެއިލްއަށް މެއިލް ކުރެވޭނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީން އިއުލާންކޮށްފައިވާ މަގާމްތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން މައުލޫމާތު އެމްއެންޕީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ސާފު ކުރުމަށް 9708080 ނުވަތަ 9301177 ފޮން ނަންބަރަށް ގުޅުމަށް އެމްއެންޕީން ބުނެއެވެ.

ކެންޑިޑޭޓޫންގެ ނަންތައް އިއުލާން ކުރަން ހަމަޖހެިފައިވާ ތާރީހަކީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަސް ކަމަށް އެ ޕާޓީން ބުނެއެވެ.