ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އޮޑިޓް ޑިޕާޓްމަންޓުގެ ލަނޑުދަނޑިތައް ކުންފުނިން އެދޭ ގޮތަށް ހާސިލްނުވާ ކަމަށް ބުނެ، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފިއެވެ.

ޕީއެސްއެމުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން އެގޮތަށް ނިންމާފައިވަނީ ވޭތުވެދިޔަ އެއް އަހަރާއި ދެ މަހުގެ ތެރޭގައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކުރި މަސައްކަތްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ އެތެރޭގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީން ބެލި ކަމަށާއި، އެއަށްފަހު، އެ ކުންފުންޏަށް ފައިދާ ވާނީ ބޭރުން އޮޑިޓް މަސައްކަތްތައް ހަމަޖެއްސުންތޯ ބެލި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު، އެ ކުންފުނީގެ އެތެރޭގެ އޮޑިޓްގެ މަސައްކަތްތައް ކުންފުނިން ބޭރު ބަޔަކާ ހަވާލުކުރަން ނިންމީ ކަމަށް، ޕީއެސްއެމުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރާއި ދެ މަހުގެ ތެރޭގައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކުރި މަސައްކަތަކީ އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތައް ތައްޔާރު ކުރުމެވެ. ޕީއެސްއެމުން ބުނީ، އެ ލިޔުންތައް އޭސީސީއަށް ތަހުގީގަށް ފޮނުވާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 14 މަސްދުވަހުގެ މުއްދަތު ތެރޭގައި މިކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކުރެވިފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ތައްޔާރު ކުރެވިފައިވާ ލިޔުންތަކެކެވެ. މިގޮތުން މި ލިޔުންތައް އިތުރަށް ތަހުގީގު ކުރުމަށް މިހާރުވަނީ އޭސީސީއަށް ފޮނުވިފައެވެ." އެ އިއުލާނުގައިވެއެވެ.

އަދި ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓުން މިހާތަނަށް އެއްވެސް ރިޕޯޓެއް އެކުލަވާލާފައިވާ ނުވާ ކަމަށް، އެ ކުންފުނިން ބުނެއެވެ.