ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން އިއުލާންކުރި ހަ ޑޮމެސްޓިކް އެއާޕޯޓް މި ދައުރުގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ށ. ބިލަތްފަހީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ބިލަތްފައްސާއިއެކު ހދ. މަކުނުދޫއާއި ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރަ. އަތޮޅުގެ ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޑިސެމްބަރު އިއުލާން ކުރިއެވެ،

މިނިސްޓަރު ވިދާޅުވީ ބިލަތްފަހީގެ އެއާޕޯޓު މަޝްރޫއު ކްރޮސް ސަބްސިޑީ އުސޫލުން ހިންގުމަށް އެއާޕޯޓު އިއުލާނުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް 12 ޕްރޮޕޯސަލްއެއް މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ބިލަތްފަހީގައި އެއާޕޯޓްއަޅަން ރަންވޭއެއް ޑިޒައިންކޮށްފައިވާ ކަމަށާއި އެއާޕޯޓް އަޅަން ބިން ހިއްކައި އަދި ހިއްކި ސަރަހައްދު ހިމާޔަތްކޮށް ރަންވޭއަށް 23 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ އެއާޕޯޓްތައް ވީ އެންމެ ގިނަ މިންވަރަކަށް ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އަޅަން މަސައްކަތްކޮށް އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް ގެންދިއުން ކަމަށް ވި ނަމަވެސް ބާކީ އޮތް މުއްދަތުގެ ތެރޭގައި ހަ އެއާޕޯޓް އަޅާ ނުނިންމޭނެ ކަމަށެވެ.