އިދިކޮޅުން ސިލްސިލާކޮށް "އިންޑިއާ އައުޓް"ގެ ހަރަކާތުގެ ދަށުން ކުރަމުންދާ އިހްތިޖާޖުގެ ތެރެއިން، ރޭ ކުރި އިހްތިޖާޖު ރޫޅާލަން ކުރި މަސައްކަތުގައި ނޫސްވެރިއެއްގެ އިތުރުން، ބައެއް ބައިވެރިންނަށް އަނިޔާވެގެން ފަރުވާ ދޭން ޖެހިއްޖެއެވެ.

ރޭ އިދިކޮޅުން ބޭއްވި އިހްތިޖާޖުގެ ބައިވެރިން މާލޭގެ މަގުތަކުގައި ހިނގަން ފެށުމުން، ފުލުހުން ވަނީ އިހްތިޖާޖު ރޫޅާލުމަށްޓަކައި ބާރުގެ ބޭނުން ކޮށް، ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ. އެހެންވެ، ބައެއް މީހުންނަށް ނޭވާ ލާން އުނދަގޫވެ، އަނިޔާވުމުގެ ސަބަބުން، އެ މީހުން ހޮސްޕިޓަލަށް ވެސް ގެންގޮސްފައި ވެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ރޭގެ އިހްތިޖާޖުގައި ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ހަތް މީހަކަށް އެކި ވަރު ވެ، އެ މީހުން އެޑްމިޓުކޮށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

އެޑްމިޓް ކުރި މީހުންގެ ތެރޭގައި، އެ ވަގުތު އިހްތިޖާޖު ކަވަރު ކުރަމުން ދިޔަ ވީޓީވީގެ ކެމެރާމަނަކުވެސް ހިމެނެއެވެ.

ފުލުހުން ބުނީ، ރޭގެ އިހްތިޖާޖާ ގުޅިގެން 49 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނަކު ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅުން ބުނަނީ ފުލުހުން ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ގަރާރެއް ނެރުއްވާފައެވެ. އޭގެ ފަހުންވެސް ބެނާ ފަދަ ތަކެތި ހަރުކޮށް، އިންޑިއާ އައުޓް ހަރަކާތް ހިންގަމުން އިދިކޮޅުން އެބަ ދެއެވެ.

އެގޮތުން، މި ފަހުން އިދިކޮޅުން އިންޑިއާ އައުޓްގެ ދަށުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި، ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ގޮވާލައި އިހްތިޖާޖު ކުރަމުންނެވެ.