"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ދަށުން މާލެއިން ވިލިމާލެއަށް އަޅާ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ އޮގަސްޓް މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

އިންޑިއާ އަށް މިހާރު ގޮސްގެން އުޅޭ ދިވެހި ނޫސްވެރިންގެ ވަފްދާ އެކު އެފްކޯންސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، ބްރިޖްގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ. ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ތާރީހުތައް ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ ބްރިޖްގެ މަސައްކަތް ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެއިން ވިިމާލެއަށް ދަތުރުކުރަން އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް މަހުގެ 15 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ޓްރެފިކަށް ހުޅުވާލާނެ ކަމަށެވެ.

ބާކީ ހުރި ބްރިޖްތަކުގެ މަސައްކަތްތައް ނިންމާނެ ދުވަސްތައް ހާމަކުރަމުން އެފްކޯންސްއިން ބުނީ، ގުޅީފަޅާ ހަމައަށް ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި އަދި ތިލަފުއްޓާ ހަމައަށް ބްރިޖް އަޅާ މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު ބްރިޖްގެ ކުރަމުންދާ މަސައްކަތަކީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ މަސައްކަތް ނިންމާލެވޭނީ އަންނަ އޮކްޓޯބަރު މަހުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ބްރިޖްގެ މަސައްކަތް ކުރުމަށް 88 އިންޖިނިއަރުންނާއި 500 މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އަދި ބާކީ 76 އިންޖިނިއަރުންނާއި 727 މަސައްކަތު މީހުން އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުންނަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރިޖާއި ހައިވޭ ފަދަ ބޮޑެތި ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ އިތުރުން ރެއިލްވޭ ލޭންތަކުގެ މަޝްރޫތައް ހިންގާފައިވާ ކުންފުންޏެކެވެ. 60 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެ ކުންފުނިން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު އެއް މަގްސަދަކީ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ފުރިހަމަ ކޮށް ނިންމާލުން ކަމަށާއި އެހެން ޕްރޮޖެކްޓްތަކަކީ ވެސް ވަގުތަށް ނިންމާފައިވާ ޕްރޮޖެކްޓްސްތަކެއް ކަމުން ރާއްޖޭގައި ގާއިމް ކުރާ ތިލަމާލެ ބްރިޖްގެ މަސައްކަތް ވެސް ވަގުތަށް ނިންމާލުމުމުގެ ވަރުގަދަ އަޒުމެއްގައި ތިބި ކަމަށެވެ.

މީގެ އިތުރުން ބްރިޖް މަޝްރޫއު އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ.

މި ބްރިޖް މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ހިމަނާފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށް އެކުންފުނިން ބުނެއެވެ.