ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ މެންބަރުން ދިރިއުޅުއްވާ ގެ، ގ. ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.
ކެނެރީގެ ފާރުގައި ފެހި ކުލައިގެ ސްޕްރޭ އަކުން ބޮޑުކޮށް "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައިވާ ފޮޓޮއެއް ނަޝީދުގެ ކޮއްކޮ ނާޒިމު ސައްތާރު ޓްވިޓާގައި ވަނީ ހިއްސާ ކުރައްވާފައެވެ. ކެނެރީގެ އަކީ، ނަޝީދު އަވަހާރަ ކޮށްލަން ބޮމުގެ ހަމަލާ ދިން ފަހުން، ދާދި ފަހަކާ ޖެހެންދެން ސިފައިން ފޯރި މަރާ ބަހަލައްޓަމުން ދިޔަ ގެއެެވެ. އަދި ކެނެރީގެ ހުންނަ މަގު ވަނީ ދުއްވާ އެއްޗެހި ޕާކު ނުކުރެވޭ ގޮތަށް، ހަދާ މަގު ހުސްވެސް ކޮށްފައެވެ.
ކެނެރީގެ ފާރުގައި އިންޑިއާ އައުޓް މި ޖެހީ، ރައީސް ޔާމީން ދިއިރުޅުއްވާ ހ. ދޫވެއްސާ ނަގާފައި އޮތް "އިންޑިއާ އައުޓް" ބެނާގެ މައްސަލަ ރައީސް ޔާމީނު ހައިކޯޓުން ކާމިޔާކު ކުރެއްވިރާ އެއް ދުވަސްވެސް ނުވަނީހެވެ.
މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައިވެސް ބަޔަކު ވަނީ "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައެވެ.
އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މީގެ ކުރިން މާލޭގެ މަގުތަކަށް އަޅާފައި ވާއިރު، ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށްވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ބަޔަކު އެޅިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެތަކަށް ވަދެ ބެނާތައް ނަގައިފައެވެ.
އޭގެ އިތުރުން، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ނަގާފައިވެއެވެ.
ނަމަވެސް، އިންޑިއާ އައުޓް ހަރަކާތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.