ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅާ އެ އަމުރު ހައިކޯޓުން ބާތިލުކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފުލުހުން އިންޑިއާ އައުޓް ބެނާތައް ނަގަން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދުނީ ހަ ކަމެއް ފާހަގަ ކޮށްފައި ކަމަށާއި ހައިކޯޓުން މައްސަލަ ބެލުމަށް ފަހު ހުކުމް ކުރީ އެންމެ ކަމެއް ފާހަގަ ކޮށްފައި ކަމަށެވެ. އަދި އެ ހުކުމުން ހައިކޯޓަށް ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ސަބަބުތައް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން ހާމަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަ ކުރާއިރު، ގާނޫނު ފާސްކުރި ރައްޔިތުން މަޖިލީހުގެ ނިޔަތް ހައިކޯޓުން ގާނޫނު މާނަ ކުރުމުގައި ރަމްޒުވެފައި ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހައިކޯޓުގެ އަމުރަށް މަޖިލީހުގެ ރިޔާސަތުން ގޮން ޖެހުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ރައީސްގެ ރިޔާސީ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމަށެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެއެވެ. އެހެންނަމަވެސް އެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ފުލުހަށް ދޫކުރި އަމުރު ގާނޫނާ ހިލާފު ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ އަމުރު ބާތިލު ކަމަށެވެ.