"އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ބާއްވާ އިހްތިޖާޖުގެ ބައިވެރިން ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިންޑިއާގެ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ ހުޅުމާލޭގެ ގެ ކައިރިއަށް އެއްވެ އިހްތިޖާޖު ކޮށްފިއެވެ.

ރޭ ވެސް ބައިވެރިން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ދިދަތަކާ އެކު ހުޅުމާލޭގެ މަގުތަކުގައި އިހްތިޖާޖު ކޮށް އިމްރާންގެ އިސްތިއުފާ އަށް ވެސް ގޮވާފައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ރޭގެ އިހްތިޖާޖުގައި ބައިވެރިވި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ވަގުތުން ދޫކޮށްލުމަށް ވެސް ހީނާ ގޮވާލައްވާފައި ވެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން، އެކި ސިފަ ސިފައިގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް މި ފަހުން މާލޭގައި ދަމާފައި ވާއިރު، އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މާލޭގެ މަގުމައްޗަށް އުކާފައި ވެއެވެ. އަދި ފާރުތަކުގައި ވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ވެސް ކޮށްފައި ވެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ގަރާރެއް ނެރުއްވާފައެވެ. އޭގެ ފަހުންވެސް ބެނާ ފަދަ ތަކެތި ހަރުކޮށް، އިންޑިއާ އައުޓް ހަރަކާތް ހިންގަމުން އިދިކޮޅުން އެބަ ދެއެވެ.