ދަށުވުމަށް ވުރެ، ބާކީވުންވެސް މާ ރަަނގަޅު ކަަމަށް ވިދާޅުވެ، ”އިންޑިއާ އައުޓް“ ކެމްޕެއިނާ ދެކޮޅަށް ފަށާފައިވާ ”ބާކީނުވޭ“ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ފާޑުވިދާޅުވެއްޖެެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް“ ގެ ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ކެމްޕެއިނާ ދެކޮޅަށް އިންޑިއާގެ ދިފާއުގައި ވަނީ "ބާކީ ނުވޭ" ނަމުގައި ކެމްޕެއިންނެއް ފަށާފައެވެ.
އެ ކެމްޕެއިންގެ ބައިވެރިން ”ބާކީނުވޭ“ ހޭސްޓެގް ބޭނުން ކުރަމުން އަންނައިރު އެ ފަރާތްތަކުން ބުނަމުން އަންނަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދިން ކަމަށާއި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިވެހިން ބަރޯސާ ވަނީ އެ ގައުމަށް ކަމަށެވެ. އެހެންކަމުން އިންޑިއާއަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމަށް ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު މޮސްޓާ ވަނީ ދަށުވުމަށް ވުރެބާކީ ވުންވެސް މާހިތަށް ފަސޭހަވާނެ ކަމަށާއި މިނިވަން ކަމުގެ އިހުސާސް ކުރެވި މިނިވަން ޖައްވެއްގައި އުޅުމުން އެލިބޭ ހިތްހަމަޖެހުން ބޮޑުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ޖެހެނީ ރުހުނަސް ނުރުހުނަސް މި ފަސްގަނޑުން ފައިބަން ކަމަށް ވިދާޅުވެ މޮސްޓާ ވަނީ ދިވެހި ރައްޔިތުން ނިކުމެ އިންޑިއާ ސިފައިން ބޭރު ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އިންޑިއާގެ ދިފާއުގައި ކެމްޕެއިނެއް ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ވެފައިވަނިކޮށެވެ. މި ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.