މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނަސް" ގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިއުލާނުކޮށްފިއެވެ.

އެކަން އިއުލާނު ކުރައްވާފައި ވަނީ އެމްއެންޕީގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ. އެމްއެންޕީން ހެޕިނަސް މިނިސްޓްރީ އުފައްދާނެކަން ހާމަ ކުރީ ސީދާ ކޮން ބޭނުމެއްގައިކަން ސާފު ނުވިނަމަވެސް، ނާޒިމްގެ ވާހަކައިގައި ރޭ ވަނީ އިސްރަށްވެހިންނަށް ސަރުކާރުން އެއްޗެއް (ފައިސާ) ނުލިބިގެން އެކަމާ ވާހަކަ ދައްކަވާފައެވެ.

ނާޒިމް ވިދާޅުވީ، ފުދުންތެރި ދިވެހިން އުފެއްދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި ނަމަވެސް އިސް ރަށްވެހިން މިއަދު ފުދުންތެރި ދިވެއްސަކަށް ނުވާއިރު އެމީހުން ވަނީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށެވެ. ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާ އިން ރާއްޖޭގެ ހުރިހާ ރައީސުންނާއި ކަމާބެހޭ ވުޒާރަތަކާ ބައްދަލު ކުރި ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް އެ ޖަމިއްޔާ އަށް ދީފައިވާ ޖަވާބަކީ ބަޖެޓުގެ ދަތިކަން ހުރި ކަމުގެ ވާހަކަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ފަސް އަހަރު ހިދުމަތްކޮށްލީމަ އެ ބޭފުޅުންނަށް އެތައް ބައިވަރު އިނާޔަތެއް ލިބޭ ގޮތަށް މިއޮތީ ރާވާލާފައި. އޭރަކު ފައިސާގެ މައްސަލައެއް ނެތް. މެމްބަރުން ވީމަ ހަމަ ލިބެންވީ، އަޅުގަނޑު ދަންނަވަން އޮތީ މެމްބަރުންނަށް އެ ފައިސާ ދޭނެ ކަމެއް ނެތޭ
މުހައްމަދު ނާޒިމް

އިސރަށްވެހިންނަށް އެހީއެއް ދޭންވީމައި ބަޖެޓުގެ ދަތުކަން އަންނަ އިރު، އަމުދުން ކަމެއް ނުކޮށް ބޮޑުމުސާރަ ނަގާ މަޖިލީހުގެ މެންބަރުންނަށް ދޭނެ ފައިސާ ހުންނާތީވެސް ނާޒީމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ، ބޮޑު މުސާރަ ނަގައިގެން މަޖިލީހުގައި ކުރާ ކަމެއް "ހަރާން" ކަމަށާއި އޭގެ ބަދަލުގައި ބޭނުންވަނީ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތައް ވުން ކަމަށެވެ.

އެހެން ކަމުން އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނެ ކަމަށް ނާޒިމް ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް އެ މިނިސްޓްރީގެ މެންޑޭޓެއް އިއުލާނެއް ނުކުރައްވައެވެ.

ރޭ އެމްއެންޕީން ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ ޅީޑާޝިޕްގެ އިތުރުން، އިސްރަށްވެހިންގެ ތެރެއިން ބައެއް ފަރާތްތައް ވެސް ބައިވެރިވި ކަމަށް އެޕާޓީން ބުނެއެވެ.