ރާއްޖޭގެ ރަސްމީ ރިޒާވްގައި މިހާރުވެސް 800 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސްއެއް ޖޭޕީމޯގަން އިން އިއްޔެ އާންމުކުރުމާ ގުޅިގެން ހަތަރު މީޑިއާއެއް ފިނޭންސް މިނިސްޓްރީއަށް ގެންގޮސް ދިން އިންޓަވިއުއެއްގައެވެ.

ޖޭޕީމޯގަން އިން ބުނެފައި ވަނީ ރާއްޖޭގެ ރިޒާވް 2023 ނިމޭ އިރު ހުސްވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

އަމީރު ވިދާޅުވީ އެ ދިރާސާ ހެދި ޖޭޕީމޯގަން އާއި ސަރުކާރާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އެއީ ރަސްމީކޮށް އެމީހުން ދެކޭ ގޮތް ނޫން ކަމަށެވެ. އަދި ޖޭޕީމޯގަންއަކީ މިދިޔަ އަހަރު ރާއްޖޭގެ ސްކޫކް ވިއްކުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ފަރާތް ކަމަށް އަމީރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މިދިޔަ އަހަރު ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ދަރަނީގެ ތެރެއިން 192 މިލިއަން ޑޮލަރު މިދިޔަ އަހަރު ދައްކާފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މި އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ.

"62 މިލިއަން ޑޮލަރު ދައްކާނެ ފަންޑްސް މިހާރު ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު، އެހެންވީމަ ކުރިއަށް އޮތް މިޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތް. ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ."
މިނިސްޓްރު އަމީރު

އަމީރު ވިދާޅުވީ ޖޭޕީމޯގަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައުމުތަކުގެ ހާލަތާއި ރާއްޖެއާ ވަރަށް ތަފާތު ކަމަށާއި އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުން އެކަން ސާފުވާ ކަމަށެވެ. އަދި 2019 ވަނަ އަހަރާ އަޅާބަލާ މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ދައުލަތަށް ލިބޭ ޑޮލަރާއި އެހެނިހެން އާމްދަނީ ވެސް ވަނީ އިތުރުވެފައިވާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ބޮޑު ނުރައްކަލަކީ ޔޫކްރައިނާއި ރަޝިއާގެ ހަނގުރާމައާ ގުޅިގެން ތެލާއި ތަކެތީގެ އަގު ބޮޑުވުން ކަމަށާއި އެއާއެކު ތެލަށް ސަބްސިޑީ ދިނުމަށް ހިނގާ ހަރަދު ވެސް ބޮޑުވާނެކަން އަމީރު ފާހަގަކުރެއްވިއެވެ. އަދި ބަޖެޓުކުރީ ގާތްގަނޑަށް 300 މިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް އަންދާޒާ ކުރަން ފިއުލް ސަބްސިޑީ ތިނެއް ނުވަތަ ހަތަރު ގުނަ ބޮޑުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ހުރީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހުރި ކަމަށާއި އޭގެ އެއް ހަފްތާ ކުރީގައި 900 މިލިއަން ޑޮލަރު ހުރި ނަމަވެސް އެ އަދަދު ދަށްވީ އިންޑިއާގެ ކަރަންސީ ސޮވޮޕަށް 250 މިލިއަން ޑޮލަރު އެއް ފަހަރާ ދެއްކުމުން ކަމަށެވެ. އަދި މިހާރު ރިޒާވް ހުރީ 800 މިލިއަން ޑޮލަރު ކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމަ ހިސްޓޮރިކަލް ނަންބާސްއަށް ބެލި ކަމުގައި ވިޔަސް، ރާއްޖޭގެ ގްރޮސް ރިސާވް ވެސް އަދި ނެޓް ރިޒާވް ވެސް މިހާރު ރަނގަޅުވާނެ 2019 އަށް ވުރެ. އަދި އަޅުގަނޑުމެންގެ ފެސިލިޓީސް އެބަހުރި، ޑޮލަރު ލިބޭ މިންވަރު ވެސް ރަނގަޅު. އަޅުގަނޑަކީ ވެސް އިކޮނިމިކް ޕާސަންއެއް، ސްޓޫޑެންޓެއް. އަޅުގަނޑަށް ވެސް އެނގޭ ދައްކާ ވާހަކަ. އެހެންވީމަ ރާއްޖޭގެ ޑެޓް ސާވިސިންއަށް އެއްވެސް ރިސްކެއް ނެތް."
މިނިސްޓަރު އަމީރު

އަމީރު އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދު ބޮޑުވީމަ އެ ނުރައްކާވެސް އެބައޮތް ކަމަށާއި އެހެންނަމަވެސް އެކަން ބެލެހެއްޓުމަށްޓަކައި ރައީސްއާއެކު އަދި ސަރުކާރު ފެންވަރުގައި މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ފިނޭންސްގެ ޕްރެސް އަށް ހުރިހާ މީޑިއާއަކަށް ދައުވަތު ނުދިނީ، މައުލޫމާތު ހޯދަން ނުގުޅާތީ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.