އާރަށުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފިއެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ދެ ދައުވާ އާއި ޔޫސުފް ނައީމުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ދައުވާވެސް މާދަމާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ ހެނދުނު 9 ޖަހާއިރަށެވެ.

އެންމެ ފަހުން މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިސްގާޒީ ޝަކީލް ވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމަވާފައެވެެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު އެ ދުވަހުގެ އަޑުއެހުން ނިންމަވާލައްވާފައިވާއިރު އެ ދުވަހު ރައީސް ޔާމީންގެ ވަކީލުން ވަނީ އާރަށް ކުއްޔަށް ދީފައި ވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ޔާމީންނަށް ލިބިވަޑައިގެން ފައިސާ އަކީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ލިބުނު ފައިސާ އެއް ކަމުން އެއީ މަނީ ލޯންޑަރިން ކަމަށް ނުބެލެވޭނެ ކަމަށް ބުނެފައެވެ.

ރައްދުގައި ދައުލަތުން ވަނީ ޔާމީން އޭރު ހުންނެވީ ރައީސް ކަމުގެ މަގާމުގައި ކަމަށް ވާތީ ގާނޫނު އަސާސީ އޮތް ގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ބުނެފައެވެ. ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލެއް ކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ފިޔަވައި، އެ ބޭފުޅުންގެ ބަހަށް ބާރުދޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންގެ ބަހަށް އެކަނި ބިނާކޮށް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެއެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

އެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް އުފުލައިފާ ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 11 ޖަހާއިރަށެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ތާވަލުކުރުމަށްފަހު ކެންސަލް ކުރަމުން އަންނައިރު މި މައްސަލައިގާ މިހާތަނަށް ބާއްވާފައިވަނީ ދެ އަޑުއެހުމެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މި ދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ވަނީ ދައުލަތުން އެދިގެން ކެންސަލްކޮށްފައެވެ. އޭގެ ފަހުން މާޗު މަހުގެ 20 އަދި 30 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

އެ މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާ އިރު، ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ދެވަނަ އަޑުއެހުމުގައި ނިހާނުގެ ފަރާތުން ޝަފައީ ހެކި ހުށަހެޅިއެވެ. ނިހާނުގެ ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ވެސް ނިހާންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަހިބަނދޫ މެންބަރު އަހުމަދު ތޯރިގު އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އާއި ޕީޖީ ޝަމީމް އާއި އަދިވެސް ކުރީގެ ބައެއް މަޖިލިސް މެންބަރުންގެ ނަންތައް މިއަދު ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ.

ނިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.