އަގުބޮޑުކޮށް ޓެކްސީ ހިދުމަތް ދީގެން 15 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިޔުމުން ކުރެއްވި ސުވާލަށް، ލިޔުމުން ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ރިޔާޒު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުން އަންނައިރު، މިހާރަށްވުރެ ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ހިދުމަތް، ނުވަތަ ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ލިޔުމުން ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވުން ނަހުލާ ވިދާޅުވީ، ގަވައިދާ ހިލާފުވާ ޑްރައިވަރުންގެ ބަޔާން ނަގައި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ފަސިންޖަރުން ދާން ބޭނުންވާ ޑެސްޓިނޭޝަން، ދަތުރު ނެގުމުގެކުރިން ޓެކްސީ ޑްރައިވަރަށް ނޭނގޭނެގޮތަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލު ކުރުމަށް އޮންލައިން އެޕްލިކޭޝަންގެ ހިދުމަތްދޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަހުލާ ވިދަޅުވީ އެޕްލިކޭޝަން ތަކުގައި، މިނިސްޓްރީ އާއި ފުލުހުންނަށް ފެންނަން ހުންނަންޖެހޭ މައުލޫމާތު އަޕްޑޭޓްކުރުމަށް އަންގާފައިވާނެ ކަމަށެވެ.
ނަހުލާ އިތުރަށް ވިދާޅުވީ އަގުބޮޑުކޮށް ޓެކްސީ ހިދުމަތްދީ ހުށަހެޅި 57 މައްސަލަ ދިރާސާކޮށްފައިވާ ކަމަށާއި އަދި 15 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކަށް ކަނޑައަޅާފައިވާ އަގުތައް:
- މާލެ / ހުޅުމާލެ ފުރަތަމަ ފިޔަވަހި / ދެވަނަ ފިޔަވަހި (އެތެރޭގެ ދަތުރުތަކަށް): 25ރ
- ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެމެދު ކުރާ ދަތުރުތަކަށް: 40ރ
- މާލެ / ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 60ރ
- މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު، އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 75ރ
- ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް: 90ރ
ޓެކްސީ ސެންޓަރުތަކުން ފާސްކޮށްފައިވާ އަގުތައް؛
- މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
- ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
- ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ
- .މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
- މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
- މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
- މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
- ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 120ރ
މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.