މުއްދަތު ހަމަވާ ތާރީހު އެނގޭ ގޮތަށް ކުކުޅު ބިސް ވިއްކަން ފިހާރަތަކަށް އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީ އަށް ލިބެމުން އެބަ ދާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ކުނިވެފައި ހުންނަ ބިސް ކެއުމުގެ ސަބަބުން އާންމު ސިއްހަތަށް އަސަރުކޮށް، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތެވެ.

އޭގެ އިތުރުން އެ އޮތޯރިޓީން ބުނީ:

  • ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަކަށް ކަމަށް
  • ފިނިނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަކަށް ކަމަށް
  • މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސް ކުނި ވުމުގެ ފުރުސަތު ބޮޑު ކަމަށް
  • މުއްދަތު ހަމަނުވި ނަމަވެސް، ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާ ނަމަ، ބިސް ކުނިވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް

އެހެންކަމުން، ބިސް ވިއްކަން ބަހައްޓާއިރު، ރައްކާ ކުރުމަށް ކަނޑައެޅިފައިވާ ފިނި ހޫނުމިނުގައި ބެހެއްޓުމަށާއި، މުއްދަތު ހަމަވާ ތާރީހު އެނގޭ ގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

އަދި ބިސް ގަންނަ ފަރާތްތަކުންވެސް މިކަމަށް ސަމާލު ވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.