ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަސްލު ލޭބަލްގެ އިތުރުން އެހެނިހެން ލޭބަލް ހަރުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެއެވެ.

އެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރާ ބިސްކޯދު ފަދަ ބައެއް ކާބޯތަކެތި އެހެން އުފެއްދުމެއް ބަންދުކޮށްފައި ހުންނަ ޑަބިޔާ ފަދަ ކޮންޓެއިނަރުގައި އެތެރެ ކުރާކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.

މިގޮތުން ވަކި އުފެއްދުމެއް ބަންދުކުރުމަށް ހާއްސަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓައިނަރުގައި އެހެން އުފެއްދުމެއް ބަންދުކުރުމަށް ފަހު އެ ލޭބަލްގެ އިތުރުން، ފަސޭހައިން ނެއްޓޭ ގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަކަމަށާއި ބަންދުކުރި ކާބޯތަކެތި މިގޮތަށް ލޭބަލް ކުރުމަކީ އެ ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮންނަކަމެއް ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ.

މީގެ އިތުރުން މިއީ އެފަދަ އުފެއަދުމެއްގައި މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި އެ އުފެއްދުމެއް ޓްރޭސް (ދެނެގަތުމަށް) ކުރުމަށް އެޅޭނެ ހުރަހެއްކަމުގައި އެ އޮތޯރިޓީން ހާމަ ކުރި ނޫސްބަޔާނުގައި ވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އެއަށް ހާއްސަ ކޮންޓެއިނަރެއްގައި ބަންދުކޮށް ރަނގަޅު ލޭބަލް ހަރުކުރުމަކީ މުހިންމުކަމެއް ކަމަށާއި މި ނޫންގޮތަކަށް ބަންދުކޮށް ލޭބަލް ކުރުމަކީ އެ އޮތޯރިޓީން އެކުލަވާލާފައިވާ މިންގަޑާ ހިލާފު ކަމެއް ކަމަށް ވެސް ބުނެއެވެ.

އެހެންކަމުން އަންނަ ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން، ގަވާއިދުގެ މިންގަނޑާ ހިލާފުވެފައި ވާނަމައީ ހެލްތް ކްލިއަރެންސް ނުދޭ ގޮތަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.