ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއަހަރު މޭ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ މި ގާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި ތަކެތިކަމުގައި ކަނޑައެޅުމެވެ. އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ،

މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

މި ގާނޫނުގެ މައިގަނޑު މަގަސަދުތަކުގެ ތެރޭގައި، ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. އަދި އެފަދަ ތަންތަން ހިންގުމުގެ ހުއްދަދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށޭނީ މިއަދުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.