ދިވެހިންގެ ތެރޭގައި ވެސް އާންމު ބައްޔެއްކަމުގައިވާ ނަފްސާނީ ބަލީގެ ފަރުވާއަށް ބޭނުން ކުރަމުންދާ ބޭހެއް ވިއްކުމާއި ބޭނުންކުރުމުގެ އިތުރުން އިމްޕޯޓް ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
މިއަދު އާންމު ކުރި އިއުލާނެއްގައި އެ އޮތޯރިޓީން ބުނީ އެންޓިޑެޕް 25 މިލިގިރާމްގެ ބެޗް ނަންބަރު (2141H003) ތަހުލީލިލު ކުރުމުގެ މަރުހާލާގެ ތެރެއިން 'އިމީޕްރާމީން ހައިޑްރޯކްލޮރައިޑް' ކިޔާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށް ކަމަށް ދައްކާފައިވާ ކަމަށާއި އެހެންކަމުން މި ބެޗު އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާކަމެއްކަމުގައެވެ.
އެގޮތުގެ މަތިން މާކެޓުގައި ހުރި އެ ބެޗުގެ ބޭސްތައް ނަގަމުން އަންނަކަމަށާއި މިހާރު ވެސް މި ބޭސް ބޭނުންކުރަމުންދާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިލެއްވިއެވެ.
ޖުލައި 25 އަށް މުއްދަތު ހަމަވާ މި ބެޗުގެ ބޭސްތައް އުފައްދަމުން އަންނަނީ އަވަށްޓެރި އިންޑިއާގެ ޓޮރެންޓް ފާމަސޫޓިކަލްސް ލިމިޓެޑުންނެވެ.
އަދި ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތަކީ އަބަދުވެސް އެ އޮތޯރިޓީން ކުރާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ނަފްސާނީ ބައްޔަކީ ވަކި އުމުރުފުރައަކަށް ހާއްސަ ބައްޔަކަށް ނުވާއިރު އެމީހެއްގެ ވިސްނުމާއި، އިހުސާސްތަކާއި، އުޅުމަށް ނޭދެވޭ އަސަރުތަކެއް އޭގެ ސަބަބަުން ކުރިމަތިވާ ބައްޔެކެވެ. އޭގެ އިތުރުންވެސް ދިރިއުޅުމުގައި މީހާގެ އުފާވެރިކަން ނަގާލާ މިބައްޔަކީ ދުނިޔޭގައި ވެސް އާންމުވަމުން އަންނަ ބައްޔެކެވެ.