ދުނިޔޭގެ ކާބޯތަކެތި ރައްކާތެރި ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މިބާރާތުގައި 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކުރެހުން ހުށަހަޅައި މައުރަޒެއް ބާއްވައިފިއެވެ.

އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެހްއޯ) އިން އިންތިޒާމް ކޮށްގެން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮބައިކަން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ބާއްވާފައެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ކުރެހުންތަކަށް ވަނަ ހޮވާ އެފަރާތްތަކަށް އިނާމް ދިނުމަށްޓަކާ އިއްޔެ ހަވީރު ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އަދި ހުށަހަޅާފައިވާ ކުރެހުންތައް ދައްކާލުމަށް މައުރަޒެއް ވެސް ވަނީ ބާއްވާފައެވެ.

ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މި ހަފްލާއަށް ވަޑައިގެންދެއްވި މިނިސްޓްރީ އޮފް ހެލްތްގެ ޕާމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާ ވިދާޅުވީ، ސްކޫލްތަކުން ހުށަހަޅާދީފައިވާ 100 އަށްވުރެ ގިނަ ކުރެހުންތަކުން އެނގިގެން ދިޔައީ އެ ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތަކަށް ރައްކާތެރި ކާބޯތަކެއްޗަކީ ކޮބައިކަމާއި ކާބޯތަކެތި ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތާބެހޭ މައުލޫމާތު ލިބިފައިވާ ކަމެވެ.

އެ ކުޑަކުދިންގެ ހަވީރުގައި ރައްކާތެރި ކާބޯތަކެއްޗާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ކުދިންގެ އުމުރުފުރަ އާއި ގުޅޭ ގޮތުން ރައްކާތެރި ކާބޯތަކެއްޗާ ބެހޭ މައުލޫމާތު ދިނުމާއި އެހެނިހެން ހަރަކާތްތައް ވެސް އެ ހަވީރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުނިޔޭގެ ކާބޯތަކެތި ރައްކާތެރިކަމުގެ ދުވަހަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ. ދުނިޔޭގައި އެކި ގައުމުތަކުގައި މި ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، މި ދުވަސް ފާހަގަ ކުރާ މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުވުމެވެ.