މެޖޯރިޓީ އޮތް ފަރާތްތަކުން ޕެންޝަންގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުމަތީގެ ހަރަކާތްތަކުގެ އިތުރުން މަޖިލިސް ތެރެއިން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެ ޕާޓީއިން މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުން ކަމަށެެވެ.
ޕެންޝަން ގާނޫނުގައި ކަށަވަރު ކޮށްދީފައި ވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށް ވިދާޅުވެ އެކަންކަން އިސްލާހުކުރުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ނައިބު ރައީސް އަބްދުﷲ ރިޔާޒު މަޖިލީހަށް ހުށައެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކުއެވެ.
އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޝަރީފް ވަނީ ރައްޔިތުންގެ ހައްގުގައި މަޖިލީހަށް ހުށަހަޅާ ކަންކަމަށް އެންމެ ކުޑަމިނުން ބަހުސްކޮށްލުމުގެ ފުރުސަތުވެސް ނެތްކަމުން އެ ފުރުސަތު ދިނުމަށް ވެސް ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ކުރީގެ ޖްންޑާ މިނިސްޓަރު އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހްމަދު ވެސް ވަނީ މަޖިލީހަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަނީސާ ވަނީ ޕެންޝަނާ ބެހޭ މައްސަލައަށް ވާހަކަދައްކަން ބޭނުންނުވާ މަޖިލީހަކުން ރައްޔިތުންގެ ހައްގޭ ކިޔާ ވާހަކަ ނުދެއްކުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.