މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި އެއްވެސް ބަޔަކަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަށް ކާމިޔާބާ ހަމައަށް ދެވިއްޖެ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދި ފަހުން މިހާތަނަށް ބޭއްވި ގައުމީ ހުރިހާ އިންތިހާބު ތަކެއްގައި އެމްއެންޕީން ވާދަކޮށް ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ހޯދާފައިވާ ކަމަށާއި އެ ޕާޓީއަށް ނުވަމަސް ނުވާއިރު ކޮންމެ އިންތިހާބެއްގައި ރާއްޖޭގެ އެންމެ ބޮޑެތި ޕާޓީތަކާ ވާދަ ކުރުމަކީ ވެސް އެމްއެންޕީއަށް ކާމިޔާބެއްގެ ކަމަށެވެ. އަދި އެކަމުން އަންގައިދެނީ ޑިމޮކްރެޓިކް ނިޒާމެއްގައި އެމްއެންޕީގެ މެންބަރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމުގައިވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްއެންޕީވެފައިވީ "ޑިސައިޑިން ފެކްޓާ" އަށް ކަމަށެވެ. އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ ބައްދަލުކޮށް އެންމެ ވޯޓަކުން އެމްއެންޕީގެ ކެންޑިޑޭޓް ބަލިވުމަކީ ވެސް ކާމިޔާބެއް ކަަމަށެވެ.

މީގެއިތުރުން އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ވިދާޅުވިއެވެ.

އުޝާމު ވިދާޅުވީ ހުރިހާ ވޯޓެއް ގުނަން އެމްއެންޕީން އިލެކްޝަންސް ކޮމިޝަންގައި އެދުނީ އެކި ފޮށީގައި އެކި ގޮތަށް ބާތިލް ވޯޓު ގުނާފައިވާތީޗއާއި އެމްއެންޕީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓަކުން ކަމަށްވާތީ ކަމަށެވެ.