މި ސަރުކާރު އޮތްހާ ހިނދަކު "ފިނިފެންމާ" ގޮއްވާލި މައްސަލަ ނުބެލޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރާއި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު އެގްރިމެންޓެއް ހަދާފައިވާ ކަމަށެވެ.
އެ އެގްރިމެންޓުގައި، މި ސަރުކާރު ދެމި އޮތްހާ ހިނދަކު ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގެ ހަގީގަތް ނުހޯދަން ޝަރުތުކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވެ، ޔާމީން ވަނީ އެވަރުގެ ބޮޑު ޓެރަރިޒަމްގެ އަމަލު ހިންގުމަކީ ދައުލަތުގެ ހައްގެއް ނޫން ކަމަށާއި އެމައްސަލަ ދޫކޮށްލަން ދައުލަތުގައި އެވަގުތަކު ހުންނަވާ ވެރިއަކަށް ނުނިންމެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ނަމަވެސް ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ޖިނާއީ ކަމެއްވެސް ފުލުހުންގެ ތެރޭގައި ތަހުގީގު ކޮށްފައި ނޫނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހެޅޭނެ ގޮތެއް ނެތް ކަމަށާއި މި އުސޫލަށް ބަދަލު ތަކެއް އަންނަން ޖެހޭ ކަމަށްވެސް ވިދާޅުވެއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރައީސް ޔާމީންގެ ދެކަނބަލުން ހުޅުލޭ އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު މާލޭ ފަޅަށް ވަދެ، ރަސްމީ ފާލަމާ ކައިރި ކުރަނިކޮށް، އޭގައި އެއްޗެއް ގޮއްވާލިއެވެ. ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް (ބޮމެއް) ގޮއްވާލި އެ ހާދިސާގައި މެޑަމް ފާތުމަތު އިބްރާހިމަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އަނިޔާއެއް ލިބިވަޑައިނުގެން ސަލާމަތް ވެ ވަޑައިގެންފައެވެ.
އެ ޓެރަރިސްޓް ހަމަލާގެ ބޮޑު ތުހުމަތު ފުރަތަމަވެސް އަމާޒުވީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށެވެ. ސަބަބަކަށް ވީ، އެ ހަމަލާ ރާވާ ހިންގުމުގައި އަދީބުގެ ބައިވެރިވުން އޮތް ކަމަށް އިންޓަލިޖެންސް ރިޕޯޓުރައް ހުރުމެވެ. އަދި ރައީސް ލައްޕަން އަދީބާއި، އަދީގެ ބައިވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ވަޑައި ނުގަތުމަކީވެސް އެ ތުހުމަތަށް ބާރު ދޭ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެހާދިސާގެ ތަހުހީގު ނިންމާ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއްވެސް އަދީބަށް އިއްވިއެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފުގެ މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.