ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ. އަދި އެ މައްސަލައިގައި އޭނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައިވެސް ވެއެވެ.
ފުލުހުން ބުނީ، މިއަދަށް އޭނާގެ ބަންދުގެ މުއްދަތް ހަމަވެފައި ވާއިރު، އޭނާގެ ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައި ކަމަށެވެ.
ނަމަވެސް އެ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށް، ފުލުހުން ބުންޏެވެ
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، އެކި ސިފަ ސިފައިގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް މި ފަހުން ދަމާފައިވާއިރު، އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މަގުމައްޗަށް އުކާފައިވެއެވެ. އަދި ފާރުތަކުގައި ވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ކޮށްފައިވެއެވެ. އޭގެ އިތުރުން އިދިކޮޅުން ވަނީ މިދިޔަ ބުދަ ދުވަހުގެރެ އާއި ބުރާސްފަތި ދުވަހުގެރޭ މާލޭގައި އިހްތިޖާޖު ވެސް ކޮށްފައެވެ.
އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައި ވެއެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައި ވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ.
އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.