"އިންޑިއާ އައުޓް" ކެމްޕެއިން ހިންގާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުބް ކެފޭއެއްގައި އިންނަވަނިކޮށެވެ.

މީގެ ކުރިން ވެސް މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައި ވާއިރު އޭނާ ދޫކޮށްލާފައި ވަނީ އިއްޔެއެވެ.

އިއްޔެ އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައިވެއެވެ. އަދި އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މަގުމައްޗަށް އުކާފައިވާއިރު، ދާދިފަހުން ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ކޮށްފައިވެއެވެ.

އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައިވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ.

އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.