ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ބައްޕަ، އިންޓަވިއުއެއް ނަގަން ޗެނަލް 13 އަށް ގެންދިޔައީ އެ އާއިލާގެ އެއްވެސް މީހަކަށް ނާންގާ ކަަމަށް ބުނެ ރިޟުވާނުގެ ދައްތަ ފާތުމަތު ޝެހެނާޒް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝެހެނާޒް ބުނީ، އެ އާއިލާގެ ބަޔަކަށް އަންގާވެސް ނުލައި، އަދި ބައްޕަގެ ބަލި ހާލަތަށް ކުޑަކޮށް ވެސް ރިއާޔަތް ކުރުމެއް ނެތި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ޗެނަލް 13 އިން ބައްޕަގެ އިންޓަވިއުއެއް ނެގުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެކަމަކީ އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބައްޕައަކީ މިހާރު ބަލި މީހެއް ކަމަށާއި ބައެއް ކަންކަން ހަނދާނުގައި ވެސް ނުހުންނަ ކަމަށް ޝެހެނާޒް ބުނެއެވެ. އަދި ރިޟްވާންގެ މައްސަލައިގައި މި ސަރުކާރާއި މަރު ތަހުގީގު ކުރި ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަ ކޮށް އޭނާ ބުނީ އެ މަސައްކަތް އާއިލާއިން ބަލައިގަންނަ ކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސްފައި ވަނީ އޮގަސްޓް 8، 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރު ފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާފައި ވާ ކަމަށެވެ.

ރިޟްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށް ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވެސް ވަނީ ބުނެފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ ދީފައެވެ.

މީގެ ކުރިން "ދަ ޕްރެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝެހެނާޒް ބުނެފައި ވަނީ، މަރު ކޮމިޝަނަށް އަދި އިތުބާރު ކުރެވޭ ކަމަށާއި އަދި ތަހުގީގު ކުރިއަށް ދާ ގޮތުން އިތުބާރު ނަގާ ނުލައި ކަމަށެވެ. ބޮޑުކަމެއް ލަސްވާނެ ކަން ގަބޫލު ކުރާކަން ފާހަގަކޮށް ޝެހެނާޒު ބުނެފައި ވަނީ މިހާ ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ ހެކި ހޯދުމަށް އެކޮމިޝަނަށް ވެސް ދަތިތައް ހުންނާނެ ކަން ގަބޫލު ކުރާ ކަމަށެވެ.

ކޮމިޝަނަށް އިތުބާރު އޮތް ނަމަވެސް ފުލުހުންނަށް އެއްވެސް ވަރަކަށް އިތުބާރެއް ނެތް ކަމަށް ޝެހެނާޒު ވަނީ ބުނެފައެވެ. އެގޮތުން ރިޟްވާންގެ މައްސަލާގައި ޝާމިލްވި ދެ ފުލުހުންނާ މެދު އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.