އިންޑިއާ އައުޓް ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތް ހިންގުން ސަރުކާރުން މަނާ ކޮށްފައި ވަނިކޮށް މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ ބެނާތައް ހިފައިގެން "އިންޑީއާ އައުޓް" ގޮވަން ފަށައިފިއެވެ.
މިހާރު ޕީޕީއެމް އޮފީސް ކުރިމަތީ މަދު ބަޔަކު އެއްވެ ތިބީ ޕީޕީއެމް ދިދަ އާއި ރާއްޖޭގެ ދިދަ ހިފައިގެން "އިންޑިއާ އައުޓް" ޖަހާފައި ހުރި ބެނާތައް ހިފައިގެންނެވެ. "އިންޑިއާ އައުޓް" ހަރަކާތް ހިންގާތީ ހައްޔަރު ކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލަން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައި ތިބި މީހުން ދަނީ ގޮވާލަމުންނެވެ.
އެ އެއްވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަމުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައްވާފައެވެ. އިންޑިއާއިން އުފައްދާ ފިލްމްތަކާއި ލަވަތާކާއި މުނިފޫހިފިލުވައި ދިނުމަށް މަސައްކަތް ކުރާ އެކްޓަރުން ކަމުދާ ކަމަށާއި ނަމަވެސް ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަމަށް ގެއްލުމެއް އައިސްދާނެ ކަމުގެ ބިރު އޮތުމުން އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެ ދޫކޮށް ދާން ކަމަށް ވިދާޅުވެއެވެ.
އެ އެއްވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދް ޝިޔާމް ވިދާލުވީ، ދެން އިންޑިއާ އައުޓް ކިޔުން ނުހުއްޓުވޭނެ ކަމަށެވެ. ހަމައެއާއެކު މުހައްމަދު އިސްމާއިލާއި ތަކަނޭ ހައްޔަރު ނުކުރެވޭނެ ކަމަށާއި އެމީހުން ހައްޔަރު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގާނޫނާ ހިލާފް ގަރާރެއްގެ ބޭނުން ހިފައިގެން ކަމަށް ބުނެއެވެ.
ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާއަށް ގަރާރެއް ނެރުއްވޭނެ ޖާގައެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރާއްޖޭގައި ހެދިފައިވާ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ސޯލިހަށް ގޮވާލައްވާ، ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ނިގުޅައި ނުގަނެވެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައިވެއެވެ. އަދި އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މަގުމައްޗަށް އުކާފައިވާއިރު، ދާދިފަހުން ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ކޮށްފައިވެއެވެ.
އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައިވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ. އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.