"އިންޑިއާ އައުޓް" ހަރަކާތް ހިންގާތީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި، އިދިކޮޅު ކޯލިޝަންގެ އިސް އެކްޓިވިސްޓެއް މިއަދު ހައްޔަރުކޮށްފިއެވެ.

އެ ދެ މީހުންގެ ތެރެއިން މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ އާ އެކު ދެން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) އެވެ.

ފުލުހުން ބުނީ، މުހައްމަދު އިސްމާއީލާއި ތަކަނޭ ހައްޔަރުކޮށްފައި ވަނީ:

  • އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ އެއްވުންތައް ބޭއްވުމުގައި އަދި އާންމުކޮށް ފެންނާނެހެން އިންޑިއާ އާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އެ ގައުމުގެ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެން ކަމަށް
  • އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތަކާއި ލިޔުންތައް ތައްޔާރު ކުރުމުން ކަމަށް
  • އެ ތަކެތި މާލެ އާއި ރަށްރަށަށް ފޯރުކޮށްދީ އެ ހަރަކާތް ރާވައި ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް

އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައިވެއެވެ. އަދި އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައްވެސް މަގުމައްޗަށް އުކާފައިވާއިރު، ދާދިފަހުން ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖަހައި ސްޕްރޭ ކޮށްފައިވެއެވެ.

އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައިވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ.

އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.