ފޮރެކްސް ޓްރޭޑިންގެ ނަމުގައި ގިނަ މީހުންގެ އަތުން ފައިސާ ނަގައި ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ފުލުހުން ކުރާ ތުހުމަތުތަށް، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިންކާރު ކުރައްވައިފިއެވެ.

އެ މައްސަލައިގައި ރޭ 8 ޖަހާއިރަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގައި، ފުލުހުން ވަނީ މީގެ ތިން ދުވަސް ކުރިން އަލްހާނަށް ޗިޓް ހަވާލުކޮށްފައެވެ. އެ ޗިޓުގައި ވާ ގޮތުން އަލްހާން ފުލުހަށް ހާޒިރުކުރަނީ، އޮޅުވާލައިގެން ގިނަ މީހުންގެ އަތުން ފައިސާ ހޯދައި، ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ.

"ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް." އެ ޗިޓުގައި ވެއެވެ.

އެހެންވެ، އަލްހާން ރޭ 8:24 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެ ވަޑައިގެންފައިވާއިރު، ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި، ބަޔާން ދެއްވުމަށް ދޮޅު ގަޑިއިރެއްހާއިރު ހޭދަ ކުރެއްވިއެވެ.

އޭގެ ފަހުން ކުރެއްވި ޓްވީޓްގައި އޭނާ ވަނީ، ފުލުހުންގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ތުހުމަތުތަކާ ގުޅިގެން ކުރެއްވި އިތުރު ޓްވީޓެއްގައި އަލްހާން ވަނީ ފުލުހުން އޭނާގެ އަބުރު ގެއްލުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވައި، ފުލުހުންގެ މައްޗަށް ދައުވާ ކުރަން ނިންމަވައިފައެވެ.

"ކިންގްސް ކެޕިޓަލް މޯލްޑިވްސް އިން ކޮށްފައިވާ ސާފު ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން، ފުލުހުން އަޅުގަނޑު މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގައިގެން، މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކޮށް، އަބުރު ގެއްލުވާލަން މަސައްކަތްކުރާ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާ ކުރާނަން!" އަލްހާން ކުރެއްވި ޓްވީޓްގައި ވެއެވެ.

ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގައި މީގެ ތިން ދުވަސް ކުރިން ޗިޓް ފޮނުވުމާ ގުޅިގެން އަލްހާން ވިދާޅުވީ، މަނީ ލޯންޑާ ކުރި ކަމަށް ބުނެ، އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކީ، އޭނާ އަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ

ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު ގޮތް ނޭނގޭ ސްކީމްތަކުގައި އިންވެސްޓް ނުކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ އަލްހާންގެ ވިޔަފާރީގައި ބައިވެރިވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކޮށްފައެވެ. އެއީ މީގެ ތިން އަހަރު ކުރިން ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ފޮނުވި މައްސަލައިގައި ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.