ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމްތަކުގައި ބައިވެރިވެ ގެއްލުމެއް ލިބިފައިވާ ނަމަ، އެކަން ސީއެމްޑީއޭ އަށް އަންގަން އެ އޮތޯރިޓީން އެދިއްޖެއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ސީއެމްޑީއޭ އިން ބުނީ، ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓުކޮށް، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މާލީ ސެކިއުރިޓީޒް ގާނޫނުގެ ދަށުން ހުއްދަ ނުނަގައި މާލީ ސްކީމްތައް ހިންގައި އިޝްތިހާރުކޮށް ހެދުމަކީ މަނާ ކަމެއްކަން މީގެ ކުރިން އަންގާފައިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ، މީގެ އަހަރެއް ކުރިން ނެރުނު އެންގުމުގެ ދަށުން، އެފަދަ ސްކީމެއްގައި ބައިވެރިވެ، ގެއްލުން ލިބިފައިވާ އިންވެސްޓަރުންގެ ޝަކުވާ ހުށަހެޅުމުން އެ ޝަކުވާތައް ބަލަމުންދާ ކަމަށެވެ. އެއާއެކު އެ އޮތޯރިޓީން ވަނީ އެފަދަ ސްކީމްތަކުގައި ބައިވެރިވެ، މާލީ ގެއްލުމެއް އެއްވެސް އިންވެސްޓަރަކަށް ލިބިފައިވާ ނަމަ، މި މަހުގެ 30 ގެ ކުރިން އެ އޮތޯރިޓީ އަށް މެއިލް ކުރުމަށް އެދިފައެވެ.

ސީއެމްޑީއޭ އިން މިހެން އެދިފައިވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފޮރެކްސް ޓްރޭޑިންގެ ނަމުގައި އާންމުންގެ އަތުން ފައިސާ ހޯދައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެތައް ބަޔަކަށް ގެއްލުން ލިބިފައިވާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ.

އެ މައްސަލައިގެ ތަހްގީގު ކުރިއަށް ދަނިކޮށް، އަލްހާންގެ ކުންފުނިން ވަނީ އިތުރު ސްކީމްތައް އިއުލާނުކޮށް ފަށައިފައެވެ.