ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް ފަށައި، ވަކީލުން ހޯދުމަށް 15 ދުވަސް ދީފިއެވެ.
ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ، ޝަޒްބާން ފަހުމީ އާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާ އެއް ވަކިވަކިން (ޖުމްލަ 39 ދައުވާ) އުފުލާފައިވެއެވެ. އެއީ އެ ތިން ބެއިންގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކުރި ސްކީމްތަކަށް އިންވެސްޓްކުރި 13 މީހުން ކުރި ދައުވާތަކެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ތިން ބެއިން ވެސް ހާޒިރުވީ ވަކީލަކާ ނުލައެވެ. ވަކީލަކު ހަމަޖައްސަން އަލްހާނާއި ޝަހުބާން އެއް މަހުގެ ފުރުސަތަކަށް އެދުނުއިރު، ޝަޒްބާން އެދުނީ ދެ މަހުގެ ފުރުސަތަކަށެވެ.
ތިން ބެއިން އެ މީހުންގެ މާލީ ހާލަތު ދަށްކަމަށް ބުނުމުން، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުންވޭތޯ ސުވާލުކުރައްވައިފައެވެ. އެކަމަކު ތިން ބެއިން ވެސް ބުނީ، ބޭނުންވަނީ އަމިއްލައަށް ވަކީލަކު އައްޔަންކޮށްގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ގާޒީ ވިދާޅުވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސުމަށްޓަކައި ދެވެނީ ގިނަވެގެން 15 ދުވަހުގެ ފުރުސަތެއް ކަމަށާއި، ތިން ބެއިންނަށް ވެސް ވަކީލަކު ހަމަޖެއްސުމަށް އެ މުއްދަތު ދީފައިވާ ކަމަށެވެ.
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ އެ ތިން ބެއިންގެ ކިންގްސް ކެޕިޓަލް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހީންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ މައްސަލައިގައެވެ.
ފުލުހުންގެ ތަހްގީގުތަކުން ހާމަވާ ގޮތުގައި، ކިންގްސް ކުންފުނިން 1،684 މީހުން އަތުން ނެގި 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް އަނބުރާ ނުދައްކައެވެ. އޭގެ ތެރެއިން އެކަކަށް 90 ހާސް ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން މިދިޔަ މޭ މަހު ހުކުމް ވެސް ކުރިއެވެ.
މިހާރު ވެސް އަލްހާންގެ ޕޮންޒީ ސްކީމާ ގުޅިގެން ފުލުހުން މައްސަލަ ތަހްގީގުކުރަމުން ދާ ކަން ހާމަކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އެ ބައިތަކުގެ ތަހްގީގު ނިންމައި ހުށަހެޅުމުން، އިތުރު ދައުވާތައް އުފުލުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.